ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިސް ބުރު ބަލިކޮށް، ސިފައިންގެ ކުލަބުން ފުރަތަމަ މޮޅު ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުރިއަށްދިޔަ ކްލަބް މޯލްޑިވްސްގެ "އެއިޓީން ތާޓީ"އަންހެން ފުޓްސަލް މުބާރާތުގައި ބިސް ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 6-2ގެ ނަތީޖާއަކުން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)އިން މުބާރާތުގެ ފުރަތަމަ މޮޅު ކަށަވަރުކޮށްފިއެވެ.

މި މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ ސުމައްޔާ މަތުސުޝިމާ ވަނީ ތަފާތު މޮޅު ކުޅުމަކާ އެކު ހެޓްރިކް ފުރިހަމަކޮށްފައެވެ. ޑީއެސްސީއަށް ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ ޝަހުފާ ޝިއުތު، މައީޝާ އަބްދުލް ހަންނާން އަދި މަރިޔަމް ރިފާއެވެ. އަނެއްކޮޅުން ބިސް ބުރުގެ ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އައިޝަތު ޝަޒްފީންގެ އިތުރުން އަގްނެސްއެވެ.

މިރޭގެ ކާމިޔާބީއާ އެކު ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ތާވަލުގެ އެއްވަނަ މަގާމަށް ޑީއެސްސީ ވަނީ ޖެހިލާފައެވެ. މުބާރާތުގައި ސިފައިންގެ ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ވެމްކޯ އަތުން ވަނީ 5-3އިން ބަލިވެފައެވެ. ތާވަލުގެ ދެވަނައިގައި އެއް މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދާފައިވާ ވެމްކޯ އޮތްއިރު، ފުލުގައި އޮތް ބިސް ބުރަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ވާދަކުރަނީ ޑީއެސްސީ، ވެމްކޯ އަދި ބިސް ބުރެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭގޮތަށް ރާވާފައިވާ މި މުބާރާތުގެ މެޗެއް ދެން އޮންނާނީ ކުރިއަށް އޮތް އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު