އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ތާއީދުކުރައްވައި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލުތަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުކޮށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އަށް ހުށަހަޅަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ނިންމައިފިއެވެ.
"ފެއަރސްކޮޔަރ"ނަމަކަށް ކިޔާ މި ޖަމިއްޔާއިން ތުހުމަތުކުރާ ގޮތުގައި، 2020ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިންފަންޓީނޯ ވަނީ ތަކުރާރުކޮށް ސިޔާސީ ނުފޫޒުތަކަށް ޖާގަދެއްވާފައެވެ. މި މައްސަލަ އައިއޯސީގެ އެތިކްސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ އެތިކްސް ކޮމިޓީއަށް ވެސް މި ޝަކުވާ ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.
ފެއަރސްކޮޔަރގެ މައިގަނޑު ކަންބޮޑުވުމަކީ، ރައީސް ޓްރަމްޕުގެ ސިޔާސަތުތަކަށް އިންފަންޓީނޯ ތާއީދުކުރެއްވުމާއި، ފީފާއިން އަލަށް ތައާރަފުކުރި "ސުލްހައިގެ އިނާމު"ޓްރަމްޕަށް އެރުވުމުގައި އޭނާ އިސްދައުރެއް އަދާކުރެއްވުމެވެ. މި އިނާމު ދިނުމަށް ނިންމީ ފީފާގެ ކައުންސިލުންތޯ ނުވަތަ އިންފަންޓީނޯގެ އަމިއްލަ ނިންމެވުމަކަށްތޯ ބަލައި، އިޖުރާއަތްތަކާ ޚިލާފަށް އަމިއްލަ ބާރުގެ ބޭނުންކުރައްވާފައިވާނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއްކަމަށް އެ ޖަމާއަތުން ފާހަގަކުރެއެވެ.
މިފަދަ އަމަލުތަކަކީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 15ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެކެވެ. އެ މާއްދާ ބަޔާންކުރާ ގޮތުން، ރަސްމީ ހައިސިއްޔަތުން ކުރާ މުއާމަލާތްތަކުގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބުމަކީ މަޖުބޫރުކަމެކެވެ. މި ގަވާއިދާ ޚިލާފުވެއްޖެނަމަ ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައުމާއެކު، މަދުވެގެން 10،000ސްވިސް ފްރޭންކް (12،378ޑޮލަރު)އިން ޖޫރިމަނާކުރުމުގެ ފުރުސަތު އޮވެއެވެ.
މިހާރު ހިނގަމުންދާ ވޯލްޑް ކަޕްގައި އެމެރިކާގެ ކުޅުންތެރިޔާ ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައިސްފައިވާ ސަސްޕެންޝަނަށް ލުއިދީފައިވަނީ ޓްރަމްޕުގެ އެދިވަޑައިގަތުމަކަށް ކަމަށް އަމާޒުވެފައިވާ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ނިންމުމުގައި އެއްވެސް ދައުރެއް ނޯންނާނެކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ. އިންފަންޓީނޯއާ ދެކޮޅަށް ފަށާފައިވާ މި ހަރަކާތަށް ޔޫރަޕިއަން ޕާލަމެންޓުގެ 50މެމްބަރުންނާއި ނޯވޭގެ ފުޓްބޯޅަ އިދާރާއިންވެސް އަންނަނީ ފުރިހަމައަށް ތާއީދުކުރަމުންނެވެ.
އައިއޯސީގެ އޮފިޝަލް ކާސްޓީ ކޮވެންޓްރީ ވިދާޅުވެފައިވަނީ، މިހާތަނަށް ރަސްމީކޮށް ޝަކުވާއެއް ލިބިފައިނުވި ނަމަވެސް، މައްސަލަ ހުށަހަޅައިފިނަމަ އެކަން އެތިކްސް ކޮމިޝަނުން ބަލާނެކަމަށެވެ. އަނެއްކޮޅުން ފީފާއިން ފެއަރސްކޮޔަރއަށް އަންގާފައިވަނީ، މައްސަލައެއް ހުށަހެޅުމަކީ އޭގެ ޒާތުގައި ތަހުގީގެއް ފަށަންޖެހޭ ސަބަބެއް ނޫންކަމަށާއި، ސިއްރު ހިފެހެއްޓުމުގެ އުސޫލުގެ ދަށުން މިފަދަ މައްސަލަތަކުގެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރެވޭނެކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.