ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސައިބާރީއަށް ނުކުޅެވުނަސް މޮރޮކޯގެ ކޯޗު ހުރީ ފުރިހަމަ އިތުބާރުގައި!

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް މޮރޮކޯ ކުޅޭ މުހިއްމު މެޗުގައި، އެ ޓީމުގެ މުހިންމު ފޯވާޑް އިސްމާއީލް ސައިބާރީއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ކޯޗު މުހައްމަދު އުއާބީ ބުނެފިއެވެ.

ސައިބާރީގެ ފަލަމަސްގަނޑަށް އަނިޔާވީ ގަދަ 16ގެ ބުރުގައި ކެނެޑާ އަތުން 3-0އިން މޮރޮކޯ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައެވެ.

ކުރިން ބެލެވިފައި އޮތީ މިރޭގެ މެޗަށް އޭނާ ފިޓުވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ސައިބާރީ މުޅިން ފިޓުނޫން ކަމަށެވެ. އޭނާ ފިޔަވައި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ތިބީ 100ޕަސެންޓް ފިޓުކޮށް ކަމަށް ކޯޗު ފާހަގަކުރިއެވެ.

"މި މެޗު ތަންކޮޅެއް އަވަހަށް މިއައީ. އަހަރެން އުއްމީދުކުރަނީ އޭނާއަށް އަދި މުބާރާތުގައި ކުޅެވޭނެ ކަމަށް" ކޯޗު ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖެހި ސައިބާރީއަކީ މި މުބާރާތުގައި މޮރޮކޯއަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އައި ކުޅުންތެރިޔާއެވެ. ނެދަލެންޑްސްގެ ޕީއެސްވީ ދޫކޮށް ދާދި ފަހުން 57މިލިއަން ޑޮލަރަށް ޖަރުމަނުގެ ބެޔާން މިއުނިކަށް ބަދަލުވި ފޯވާޑް ނެތުމަކީ މޮރޮކޯއަށް ދިމާވާނެ ބޮޑު އުނިކަމެކެވެ. ނަމަވެސް އޭނާގެ ބަދަލުގައި ކުޅެން އެރި ސުފިއާން ރަހީމީ އެ މެޗުގައި ލަނޑު ޖަހާފައިވުމަކީ ކޯޗަށް ލިބޭ ހިތްހަމަޖެހުމެކެވެ.

މިރޭގެ މެޗަށް މޮރޮކޯ ނުކުންނައިރު، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-0އިން ބަލިވި ބަލިވުމުގެ ބަދަލުހިފުމުގެ ރޫހު އެ ޓީމުގައި އެބައޮތެވެ. އެ ފަހަރު މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރުމަކީ އެފްރިކާގެ ގައުމަކުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މި ފަހަރުގެ ކުއާޓާ ފައިނަލަށް ދިއުމުން ވެސް މޮރޮކޯއަށް މިއީ ކާމިޔާބު މުބާރާތެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ކޯޗު އުއާބީ ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ޓީމުގެ އަމާޒަކީ މޮޅުވުން ކަމަށެވެ.

"އަހަރެމެން ބޭނުން މި މެޗުން މޮޅުވާން. އެހެންވީމާ އަހަރެމެން މިހިސާބުން ކެޓިޔަސް އެއީ މައްސަލައެއް ނޫނޭ ބުނާ މީހުންގެ ވާހަކަތަކަށް ދޭނީ ބީރު ކަންފަތެއް" އުއާބީ ބުންޏެވެ.

ފްރާންސަކީ މެޗުގެ ފޭވަރިޓުން ކަމަށް ވިޔަސް، މޮރޮކޯއަށް ވެސް މި ފެންވަރުގައި ވާދަކުރެވޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި، ޓީމާ މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް އުއާބީ ބުންޏެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު