ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުރުސަތުތަކުގެ ބޭނުން ހިފުމަށް ކޯޗް ޑެޝޯމްސްގެ ގޮވައިލުން ކުޅުންތެރިންނަށް

ޝެއާ ކުރޭ Facebook Telegram Viber X

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، މޮރޮކޯގެ ވަރުގަދަ ދިފާއީ ލައިން ފޫއަޅުވާލައި މެޗުން ކާމިޔާބު ހޯދުމަށް ޓަކައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯންޕްސް ކުޅުންތެރިންނަށް ގޮވާލައިފިއެވެ.

ފާއިތުވި ދެ މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިން ތަޖުރިބާކާރު ކޯޗު ފާހަގަކުރި ގޮތުގައި، މިއީ އޭނާގެ ޓީމަށް ފަސޭހަ ކުރިމަތިލުމަކަށް ނުވާނެއެވެ. މި މުބާރާތުގައި މިހާތަނަށް ފްރާންސުން 14ލަނޑު ކާމިޔާބުކޮށްފައިވީ ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ބަލިކުރި ޓީމާ ދެކޮޅަށް ނުކުންނައިރު ފަރުވާތެރިކަމާ އެކު ނިންމާލުންތައް ފުރިހަމަކުރުން ވަރަށް މުހިންމެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯންޕްސް ބުނީ ދެ ޓީމުގެ ވެސް ހުރިހާ މަގާމެއްގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި، ތަފާތު ފެންނާނީ ގޯލު ކުރިމަތީގައި ހޯދާ ފުރުސަތުތައް ނިންމާލާ ގޮތަކުން ކަމަށެވެ. އެގޮތުން ގިނަ ފުރުސަތުތަކެއް ލިބި މަދު ގޯލެއް ޖެހޭ ފަހަރު އަންނަ ފަދައިން، މަދު ފުރުސަތަކުން ގިނަ ގޯލު ޖަހާ ޓީމުތައް ވެސް ފެންނަ ކަމަށާއި، އެހެންކަމުން މޮޅުވުމުގެ އެޑްވާންޓޭޖް ލިބޭނީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްލާ ބަޔަކަށް ކަމުގައި އޭނާ ތަފްސީލުކޮށްދިނެވެ.

މީގެ އިތުރުން މުބާރާތުގެ ގަދަ 16ގައި ފްރާންސުން ކަޓުވާލި ޕެރަގުއޭއާ މޮރޮކޯއާ އަޅާނުކިޔޭނެ ކަމަށް ވެސް ޑެޝޯންޕްސް ބުންޏެވެ. އޭނާ ބުނީ މޮރޮކޯގައި ތިބީ އެފްރިކާ ކަޕްގެ ފައިނަލްގައި މިއަހަރު ކުޅެފައިވާ، މޮޅުވުމުގެ ރޫހު ހުރި މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި، އެމީހުންނާ ދެކޮޅަށް ނުކުންނަން ވަރަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

މި މުހިންމު މެޗާ ކުރިމަތިލާއިރު ފްރާންސްގެ ޓީމަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ޗުއާމެނީގެ ފިޓްނަސް މައްސަލައެވެ. ޑެޝޯންޕްސް ހާމަކުރި ގޮތުގައި އޭނާއަށް ކުޅެވޭނެކަން ކަށަވަރުވާނީ މެޗު ފެށުމާ ގާތްވެފައި ވަނިކޮށެވެ. ނަމަވެސް ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ތިބީ މެޗަށް ފުރިހަމައަށް ފިޓްކޮށް ކަމުގެ ޔަގީންކަން ކޯޗު ވަނީ ދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު