އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)އިން ދައުރުކޮށްފައިވާ 300މިލިއަން ޑޮލަރުގެ މުއާމަލާތްތަކެއްގައި މަނީ ލޯންޑަރިންގއާއި މަކަރާއި ހީލަތް އެކުލެވޭކަމަށް ތުހުމަތުކުރެވި، އެ މައްސަލަ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ތަހުގީގުކުރަން ފަށައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަހުގީގުގެ މައިގަނޑު އަމާޒަކީ އޭއެފްއޭއިން އެމެރިކާގެ ފަސް ބޭންކެއް މެދުވެރިކޮށް ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ. މި މައްސަލަ ބަލަމުންދަނީ އެމެރިކާގެ މާލީ ގާނޫނުތަކާ ޚިލާފަށް އެއްވެސް އަމަލެއް ހިންގާފައިވޭތޯ ޔަގީންކުރުމަށް، އެ ގައުމުގެ ތިން ފެޑެރަލް ޕްރޮސެކިއުޓަރުން ހިމެނޭ ޚާއްސަ ޓީމަކުންނެވެ.
ލީކުވެފައިވާ ބައެއް ލިޔެކިޔުންތަކަށް ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި، އޭއެފްއޭގެ ވިޔަފާރީގެ އެއްބަސްވުންތައް ބަލަހައްޓާ ކުންފުނިން ވަނީ ސިޓީބޭންކް، ބޭންކް އޮފް އެމެރިކާ، ޖޭޕީ މޯގަން، ސިނޯވަސް އަދި ޕީއެންސީ ބޭންކް މެދުވެރިކޮށް 250މިލިއަން ޑޮލަރު ދައުރުކޮށްފައެވެ. ނަމަވެސް، މީގެ ތެރެއިން ގާނޫނީ ގޮތުން ސައްހަކަން ސާބިތުވެފައި ވަނީ ދެބައިކުޅަ އެއްބައި ފައިސާގެއެވެ. އަދި މީގެ އިތުރުން ދައުރުކުރެވުނު 57މިލިއަން ޑޮލަރުގެ މުއާމަލާތްތައް ހިންގި ކުންފުނިތަކުގެ އަސްލު ވެސް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މިހާރު ކުރިއަށްދާ 2026ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭއެފްއޭއަށް އަމާޒުވެފައިވީ ނަމަވެސް، މިއީ 2025ވަނަ އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށްދާ ތަހުގީގެއްކަމަށް މައުލޫމާތު ލިބެއެވެ. ވޭތުވެދިޔަ 2022ވަނަ އަހަރުގެ މުބާރާތާއި މިހާރުގެ މުބާރާތުގައި ވެސް ފީފާއިން އާޖެންޓީނާއަށް ޚާއްސަ އިމްތިޔާޒުތަކެއް ދޭކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެއިން އެއްވެސް ކަމެއް މިހާތަނަށް ރަސްމީކޮށް ސާބިތުކުރެވިފައެއް ނުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.