ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޮލިމްޕިކް ކޮމިޓީން ރަޝިއާއަށް އަޅާފައިވާ ސަސްޕެންޝަން އުވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

2028ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ބައިނަލްއަޤުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ރަޝިއާގެ އޮލިމްޕިކް ކޮމިޓީގެ މައްޗަށް އޮތް ސަސްޕެންޝަނަށް ލުއިދީ، އޭގެ ބޮޑު ބައެއް އުވާލައިފިއެވެ.

ޔޫކްރެއިންގެ ސަރަޙައްދުތަކަށް 2022ވަނަ އަހަރު ރަޝިއާ ސިފައިން އެރުމާ ގުޅިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ޤައުމު ސަސްޕެންޑް ކުރި ނަމަވެސް، އައިއޯސީގެ އެގްޒެކެޓިވް ބޯޑުން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މި ލުޔާ އެކު، ކުރިއަށް އޮތް ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކާއި އޮލިމްޕިކް ކޮލިފައިންގ އިވެންޓްތަކުގައި ރަޝިއާގެ ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އެހެން ނަމަވެސް، އެ ޤައުމުގެ ޤައުމީ ސަލާމާއި، ދިދަ އަދި ކުލަތައް މުބާރާތްތަކުގައި ބޭނުންކުރުމާ މެދު އައިއޯސީން އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

ސިޔާސީ ވެރިން ނިންމާ ނިންމުންތަކުގެ ގެއްލުން ކުޅިވަރުކުޅޭ އެތުލީޓުން ތަޙައްމަލުކުރަން ނުޖެހޭނެކަމަށް އައިއޯސީގެ މެންބަރު ކާސްޓީ ކޮވެންޓްރީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އައިއޯސީން އެއްވެސް ހަނގުރާމައަކަށް ތާއީދެއް ނުކުރެއެވެ. އަދި ޔޫކްރެއިނަށް ދެމުން އަންނަ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓާނެއެވެ.

އައިއޯސީގެ މި ފިޔަވަޅަކީ ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް ރަޝިއާގެ އެތުލީޓުން އަނބުރާ އައުމަށް ލިބުނު ފެހި ސިގުނަލެއްކަމަށް އެ ޤައުމުގެ ކުޅިވަރާބެހޭ ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މީގެ އިދިކޮޅަށް ޔޫކްރެއިން ސަރުކާރުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ އޮލިމްޕިކްސްގެ އަސާސްތަކާ ޚިލާފު ލަދުވެތި އަމަލެއްގެ ގޮތުގައި ބުނެފައެވެ. އަދި މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ރަޝިއާގެ ރަމްޒުތައް ބޭނުންކުރުން މަނާކުރުމަށްވެސް ޔޫކްރެއިނުގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ސަސްޕެންޝަން އުވާލި ނަމަވެސް، ވޯލްޑް އެތުލެޓިކްސް ފަދަ ބައެއް ފެޑެރޭޝަންތަކުން އަދިވެސް ރަޝިއާއަށް ފުރުޞަތު ދީފައެއް ނުވެއެވެ. އެހެންކަމުން ހުރިހާ ކުޅިވަރެއްގައި ވަގުތުން ބައިވެރިވުމުގެ ހުއްދަ ރަޝިއާއަކަށް ނުލިބޭނެއެވެ. ނަމަވެސް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ރަޝިއާގެ ސަސްޕެންޝަން އުވާލަން މަޝްވަރާކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް މަދަދުވެރިވިކަމުގެ ތުހުމަތުގައި ބެލަރޫސަށް ދީފައިވާ ސަސްޕެންޝަންވެސް އައިއޯސީން ވަނީ މިދިޔަ މެއި މަހު އުވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު