ފާއިތުވި ސީޒަނުގެ ނާކާމިޔާބީތަކަށް ފަހު ޓީމުގެ ފަހަތް ވަރުގަދަކުރުމުގެ މަޤުޞަދުގައި، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން ނެދަލެންޑްސްގެ ތަޖުރިބާކާރު ފުލްބެކް ޑެންޒެލް ޑަމްފްރީސް ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކުލަބަށް ގެނެސްފިއެވެ.
ރަސްމީކޮށް ދެ ކުލަބުން ޓްރާންސްފާގެ އަގު ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން އުމުރުން 30އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ އޭނާގެ ކޮންޓްރެކްޓުގައި ހިމެނޭ 20މިލިއަން ޔޫރޯ (22.9މިލިއަން ޑޮލަރު)ގެ ރިލީޒް ކްލޯޒް ދެއްކުމަށް ފަހުއެވެ. މިއީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ރެއާލުން ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މާކް ކުކުރެޔާއާއި ބެނާޑޯ ސިލްވާގެ އިތުރުން އިބްރާހިމާ ކޮނާޓޭ ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ގެއްލުމާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމުގެ ސަބަބުން، ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ޓީމުގެ ޑިފެންސް ރަނގަޅުކުރުމަށް އިންތިޚާބު ތެރޭގައި ވައުދުވެވަޑައިގެންފައެވެ. އެހެންކަމުން ޑަމްފްރީސްއަކީ އެ މަސައްކަތުގެ ތެރެއިން ޕެރޭޒް އެންމެ ބޮޑު އިސްކަމެއް ދީގެން ގެނައި އެއް ކުޅުންތެރިޔާއެވެ.
ޕީއެސްވީ އިންދޯވަން ދޫކޮށް 2021ވަނަ އަހަރު އިންޓަ މިލާނަށް ބަދަލުވުމަށް ފަހު ޑަމްފްރީސް ވަނީ އެ ޓީމުގައި ކާމިޔާބު ފަސް ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އިންޓައަށް ކުޅެދިން 207މެޗުގައި 27ލަނޑު ކާމިޔާބުކޮށް، 28ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ވަނީ އެ ކުލަބާ އެކު އިޓާލިއަން ލީގު ދެފަހަރު އަދި ކޮޕާ އިޓަލިއާ ތިން ފަހަރު ކާމިޔާބުކޮށް، ޖުމްލަ އަށް ތަށި އުފުލާލާފައެވެ. ޚާއްޞަކޮށް މިދިޔަ ސީޒަނުގައި އިންޓައިން ހޯދި ޑޮމެސްޓިކް ޑަބަލްގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.