ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026"ގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 29ސްކޫލެއް ތަމްސީލުކުރާ 99ޓީމު ވާދަކުރާނެކަން އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މި މަހުގެ ފުރަތަމަ ދުވަހަށް ހަމަވެފައިވީ ނަމަވެސް، ވީއޭއެމްއިން މިހާރު ވަނީ ވީހާ ވެސް ގިނަ ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި މި މަހުގެ އަށްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. މިހާތަނަށް ފޯމު ހުށަހެޅި ސްކޫލުތަކަށް ބަލާއިރު، މާލެ ސަރަހައްދުން ނުވަ ސްކޫލެއް އަދި އަތޮޅުތެރެއިން ވިހި ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
ފިރިހެން އަދި އަންހެން ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ބޮޑު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކޫލްތަކަށާއި މަދަރުސާތަކަށެވެ.
މުޅި ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މާލެ ސަރަހައްދު ނިސްބަތްވާ ޒޯން ހައެއް ފިޔަވައި، އެހެނިހެން ޒޯންތަކުން މުބާރާތް ބާއްވަން ބޭނުންވާ ރަށްރަށަށް އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް މި މަހުގެ އަށްވަނަ ދުވަހެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.