ސައުދީ އަރަބިއްޔާގެ ފުޓުބޯޅައިގެ ގަދަބާރު އަދި ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް-ނަސްރަށް އިތުރު ކާމިޔާބީތަކެއް ހޯދައިދިނުމުގެ އަމާޒުގައި، ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެ ކުލަބުގެ ހެޑް ކޯޗުގެ މަގާމާ އަންޖް ޕޮސްޓެކޮގްލޫ ރަސްމީކޮށް ހަވާލުވެއްޖެއެވެ.
އަލް-ނަސްރުން އާންމުކުރި ރަސްމީ ބަޔާނެއްގައި މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، މިއީ އެ ކުލަބުގެ ތާރީޚުގައި ފެށިގެންދާ މުޅިން އައު ސަފުހާއެއް ކަމަށާއި، ކުރިއަށް އޮތް ދެ ސީޒަނުގައި ފުރަތަމަ ޓީމުގެ މައިގަނޑު ޒިންމާތައް އުފުލާނީ ޕޮސްޓެކޮގްލޫ ކަމަށެވެ. އަދި އައު ކޯޗާއި އޭނާގެ ކޯޗިންގ ޓީމަށް ކުލަބުގެ މެނޭޖްމަންޓުން ވަނީ މަރުހަބާ ކިޔައި، ފުރިހަމަ ކާމިޔާބީއަކަށް އެދިފައެވެ.
މީގެ ކުރިން އިނގިރޭސި ޕްރިމިއަރ ލީގުގެ ނަންމަޝްހޫރު ޓޮޓެންހަމް ހޮޓްސްޕަރއަށް އިރުޝާދުދިން ޕޮސްޓެކޮގްލޫ ވަނީ، 2025ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ތަށި އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް، ލީގު ތާވަލުގެ 17ވަނައަށް ޓޮޓެންހަމް ވެއްޓުމާ ގުޅިގެން، ޔޫރަޕުގެ ކާމިޔާބީއަށް ފަހު އެންމެ ދެ ހަފުތާ ތެރޭގައި އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމާ ހަވާލުވި ނަމަވެސް، އެ މަގާމުގައި އޭނާއަށް ދެމިހުރެވުނީ އެންމެ 39ދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ، އެންމެ މެޗަކުން ވެސް މޮޅުވެވިފައި ނުވުމަކީ އޭނާގެ ވަޒީފާ ގެއްލެން މެދުވެރިވި މައިގަނޑު ސަބަބެވެ.
ފަހުގެ ތާރީޚެއްގައި އުމުރުން 60އަހަރުގެ ޕޮސްޓެކޮގްލޫގެ ނަން އެހެން ބައެއް ޓީމުތަކާ ވެސް ގުޅުވައިގެން މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އެގޮތުން، ވޯލްޑް ކަޕަށްފަހު ސްކޮޓްލެންޑުގެ ކޯޗުކަމުން ސްޓީވް ކްލާކް ވަކިވުމުން އެ މަގާމަށް އޭނާ ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވުނެވެ. މީގެ އިތުރުން ކަޒަކިސްތާނުގެ ގައުމީ ޓީމުން ވެސް އޭނާ ގެނައުމަށް މަސައްކަތްކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެ މަޝްވަރާތައް ނާކާމިޔާބުވީ، ޕޮސްޓެކޮގްލޫ ޑިމާންޑުކުރި މުސާރަ ބޮޑުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.