ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮރެއާ އަވަހަށް ކެޓުން، ގައުމުގެ ބޮޑު ކާރިސާއަކަށް

އެނބުރި ރަށަށް ދިޔުމުން ކޯޗާ ދެކޮޅަށް އަޑު އުފުލަނީ
ޝެއާ ކުރޭ Facebook Telegram Viber X

ސައުތު ކޮރެއާއަށް ވޯލްޑްކަޕް ނިމުނުތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް،އެ ގައުމުގެ ސަޕޯޓަރުން އަދިވެސް ދަނީ އެކަކު އަނެކަކަށް އިނގިލި ދިއްކުރަމުންނެވެ. ގައުމީ ޓީމު ވޯލްޑް ކަޕުން އަވަހަށް ކެޓުމުގެ ސަބަބުން އުފެދުނު ނުރުހުންތެރިކަން، އެއާޕޯޓްތަކާއި ސޯޝަލް މީޑިއާގެ އިތުރުން، ކުރީގެ މެނޭޖަރު ހޮންގް މިއުންގް-ބޯ ފިހާރަތަކަށް ވަނުން މަނާކުރާ ބޯޑުތައް ދޮރުމަތީގައި ހަރުކުރުމާ ހަމައަށް ވަނީ ފެތުރިފައެވެ.

އޮންލައިން ފޯރަމްތައް ފުރިފައި ވަނީ، ކޮރެއާ 32 ޓީމުގެ ބުރަށް ދާނެ ކަމަށް އުންމީދުކޮށް، "ޓޭގުކް ވޮރިއާސް" (ގައުމީ ޓީމު) ކުޅޭ މެޗުތައް ވަގުތުން ބެލުމަށް އުތުރު އެމެރިކާއަށް ދިއުމަށް ފްލައިޓްތަކާއި ހޮޓާތައް ބުކްކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ޓީމު ކެޓުމުން ދަތުރުތައް ކެންސަލް ކުރަން ޖެހުނު ސަޕޯޓަރުންގެ ޕޯސްޓްތަކުންނެވެ.

"އަހަރެން އެމެރިކާއަށް ދިޔައީ ކޮރެއާ 32 ޓީމުގެ ބުރަށް ދިއުމުގެ 90 އިންސައްތައަށް ވުރެ ބޮޑު ފުރުސަތެއް އޮތް ކަމަށް އެންމެން ބުނާތީ،" ސަޕޯޓަރަކު ލިޔެފައިވެއެވެ. "ނަމަވެސް އެކަން އެހެންނެއް ނުވި. އަދި އަހަރެން ހޭދަކުރި [ފައިސާ]ގެ އަދަދާ މެދު ވިސްނާލަން ވެސް ބޭނުމެއް ނޫން."

"މެޗުތައް ބެލުމަށް ޓަކައި ވަޒީފާއިން ޗުއްޓީ ނަގައިގެން މެކްސިކޯ އަދި އެމެރިކާއަށް ދަތުރުކުރި ގާތްގަނޑަކަށް 500 އެއްހާ ސަޕޯޓަރުން ކުއްލިއަކަށް 'ފުޓްބޯޅަ ރެފިއުޖީންނަށް' ވެގެންދިޔަ،" ގައުމީ ޓީމުގެ ރަސްމީ ސަޕޯޓަރުންގެ ގްރޫޕް ކަމަށްވާ 'ރެޑް ޑެވިލްސް' ގެ ޗެއާމަން ޗޯ ހޯ-ޓޭ ބުންޏެވެ.

ގޭގައި ތިބެގެން މެޗުތައް ބެލި ސަޕޯޓަރުންނަށް ވެސް މިއީ ފަސޭހަ ކަމަކަށް ނުވިއެވެ.

"ގްރޫޕްގައި އޮތް އެންމެ ބަލި ޓީމު ކަމަށް ގިނަ ބަޔަކު ދެކުނު ސައުތު އެފްރިކާ އަތުން މިހާ ބަލިކަށިކޮށް ބަލިވެދާނެ ކަމަކަށް އަހަރެން ދުވަހަކު ވެސް ހީއެއް ނުކުރަން،" ޕާކް ކިޔާ ސަޕޯޓަރަކު ބުންޏެވެ. "އެހެން ގައުމުތަކުން 32 އަދި 16 ޓީމުގެ ބުރަށް ދިއުން ފާހަގަކުރާ މަންޒަރު ބެލުމަކީ، އަހަރެންގެ ހިއްސާގެ އަގު ވެއްޓެމުންދާއިރު އެހެން މީހެއްގެ ހިއްސާގެ އަގު މައްޗަށް ދާތަން ބަލަން ހުންނަން ޖެހުން ކަހަލަ ކަމެއް."

އޮފީސް މުވައްޒަފެއް ކަމަށްވާ ލީ ބުނި ގޮތުގައި، ވޯލްޑް ކަޕަކީ އޮފީސް ކުދިންނާ އެކު ހެނދުނުގެ އާދައަކަށް ވެފައި އޮތް ނަމަވެސް، 'ޓޭގުކް ވޮރިއާސް' މުބާރާތުން ކެޓުމާ އެކު އެ އުފާވެރިކަން ވަރަށް އަވަހަށް ގެއްލިގެންދިޔައެވެ.

"އަހަރެން ވަރަށް ފޯރި ހުރުމުން ސައުތު އެފްރިކާ މެޗުގެ ކުރިން ގާތްގަނޑަކަށް 180،000 ވޮން [116 ޑޮލަރު]އަށް ގައުމީ ޓީމުގެ ޖާޒީއެއް ގަތިން،" ފިލް ކިޔާ އޮފީސް މުވައްޒަފަކު ބުންޏެވެ. "މިހާ އަވަހަށް މުބާރާތް ނިމިދާނެ ކަމަކަށް ދުވަހަކު ވެސް ހީއެއް ނުކުރަން. އަހަރެން ބޭނުންވަނީ އެ ޖާޒީ އަނބުރާ ރައްދުކުރަން."

އިމްތިހާނަކަށް ތައްޔާރުވަމުންދާ 23 އަހަރުގެ ދަރިވަރަކު ބުނި ގޮތުގައި، ވޯލްޑް ކަޕަކީ ކިޔެވުމުގެ ބުރަކަމުން ލިބުނު ހިތްހަމަޖެހުމެކެވެ. ނަމަވެސް، ކޮރެއާ އަވަހަށް ކެޓުމުގެ ސަބަބުން ކިޔެވުމަށް ސަމާލުކަން ދޭން އިތުރަށް އުނދަގޫވިއެވެ.

މިކަމުގެ އަސަރު ހަމައެކަނި ސަޕޯޓަރުންނަށް ނޫން، ވިޔަފާރިތަކަށް ވެސް ވަނީ ކޮށްފައެވެ.

ވޯލްޑް ކަޕްގެ ޕްރޮމޯޝަންތައް ތައްޔާރުކުރި އިޝްތިހާރު ކުރާ އެޖެންސީތަކާއި ރެސްޓޯރަންޓްތަކަށް، ކޮރެއާ އަވަހަށް ކެޓުމުގެ ސަބަބުން، މުބާރާތުގެ ދިގު މުއްދަތަކަށް ރާވާފައިވާ ކެމްޕޭންތަކަށް ވަނީ ބުރޫއަރާފައެވެ.

"އަހަރެމެން ވޯލްޑް ކަޕަށް ގިނަ ކެމްޕޭންތަކެއް ތައްޔާރުކުރިން، ނަމަވެސް ހީކުރި ވަރަށް ވުރެ މާ އަވަހަށް މުބާރާތް ނިމިގެން ދިއުމުން، މުޅި ޓީމު މިހާރު އޮތީ ކަންބޮޑުވުމެއްގެ ތެރޭގައި،" އިޝްތިހާރުގެ ދާއިރާގެ މަސްދަރަކުން ބުންޏެވެ.

އާންމުންގެ ގިނަ ނުރުހުންތަކެއް އަމާޒުވެފައި ވަނީ ހޮންގްއަށެވެ. އަދި ސަޕޯޓަރުން ދަނީ އެ ނުރުހުން ފާޅުކުރުމަށް ތަފާތު އުފެއްދުންތެރި ގޮތްތައް ހޯދަމުންނެވެ.

މެޗުތަކުގެ ކުރިން އާންމުކޮށް ދައްކާ ގައުމީ ސަލާމުގެ ވީޑިއޯއިން، 2002ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ޕެނަލްޓީ ޝޫޓްއައުޓްގައި ކޮރެއާ މޮޅުވި ޕެނަލްޓީއަށް ފަހު ހޮންގް އުފާފާޅުކުރާ މަންޒަރު އުނިކުރުމަށް ވެސް އޮންލައިން ފޯރަމްތަކުގައި ދަނީ ގޮވާލަމުންނެވެ.

ރުޅިއައިސްފައި ހުރި އެހެން ސަޕޯޓަރަކު ވަނީ "ހޮންގް މިއުންގް-ބޯ ދެކެ ރުޅިއައިސްގެން އަހަރެން ހެދި ހިތްހަމަޖައްސައިދޭ ވީޑިއޯއެއް" ގެ ނަމުގައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް އަޕްލޯޑް ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޖެންސް ކާސްޓްރޮޕް، ހޮންގް އަށް ހަމަލާދޭ މަންޒަރެވެ. މި ވީޑިއޯއަށް 13 މިލިއަން ވިއުސް އަދި 10،000އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ.

"މިއީ 2026ވަނަ އަހަރުގެ އެންމެ މޮޅު އޭއައި ވީޑިއޯ،" ކޮމެންޓް ކުރި މީހަކު ލިޔެފައިވެއެވެ. "މިއީ ރަނގަޅު ކަމަކަށް އޭއައި ބޭނުންކުރުން،" އެހެން މީހަކު އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވެއެވެ.

ބައެއް ވިޔަފާރިތަކުގެ ދޮރުމަތީގައި "ހޮންގް މިއުންގް-ބޯ ވަނުން މަނާ"ކަމަށް ލިޔެފައިވާ ބޯޑުތައް ހަރުކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ކޮރެއާގެ ފުޓްބޯޅައަށް ގެއްލުންދޭ މައްސަލަތައް ހައްލުވަންދެން "ހަނގުރާމަ ކުރަމުންދާނެ"ކަމަށް ބުނެ ރެޑް ޑެވިލްސްއިން ވަނީ ބަޔާނެއް ނެރެފައެވެ.

އާންމުންގެ މި ނުރުހުމާ އެކު، ކޮރެއާ ފުޓްބޯލް އެސޯސިއޭޝަން (ކޭއެފްއޭ)އަށް ކުރާ ތުހުމަތުތައް ވެސް ވަނީ އަލުން ފެންމަތިވެފައެވެ. 2024ވަނަ އަހަރު އާ މެނޭޖަރަކު ހޮވުމަށް ކަނޑައެޅި ކޭއެފްއޭގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕާކް ޖޫ-ހޯ، ހޮންގް އައްޔަންކުރިކަން އާންމުކޮށް އިއުލާން ކުރަންދެން އޭނާއަށް އެނގިފައިނުވާ ކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު، އޭނާ ވަނީ ކޭއެފްއޭގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އިޝާރާތްކޮށްފައެވެ.

"ކޭއެފްއޭއިން ހަމައެކަނި ދައްކަނީ ބަހަނާތަކާއި ޒިންމާއިން ރެކުމުގެ ވާހަކަތައް. އަދި މި ވޯލްޑްކަޕުން މި ފެނުނީ އެމީހުންގެ އަމަލުތަކުގެ ނަތީޖާ،" ފުޓްބޯޅައަށް ލޯބިކުރާ 24 އަހަރުގެ އާން ބުންޏެވެ."ސޮން ހިއުންގް-މިން އަދި ކިމް ސިއުންގް-ގިއުއަކީ މިހާރު ޒުވާންވަމުންދާ ކުޅުންތެރިންނެއް ނޫން. އެމީހުންނަށް ހައްގުވާ ނަތީޖާ ނުހޯދުމުން އަހަރެން ދެރަވޭ."

މި މައްސަލައިގެ ސަބަބުން ކޭއެފްއޭއާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ދިގު މުއްދަތުގެ ތަހުގީގަށް ވެސް ވަނީ އަލުން ސަމާލުކަން ލިބިފައެވެ.

ކޭއެފްއޭގެ ރައީސް ޗަންގް މޮންގް-ގިއު އަދި އެހެން ބައެއް ފަރާތްތަކުން، ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމަށް ހޮންގް އައްޔަންކުރުމުގައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ޖުލައި 2024އިން ފެށިގެންނެވެ.

ކޭއެފްއޭގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު ލީ ލިމް-ސޭންގް އަދި އެހެން ބައެއް ފަރާތްތަކުގެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާއިރު، ދައުވާ ކުރުމަށް ފޮނުވުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނިންމާފައި ނުވާތީ، މި މައްސަލަ ވަނީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ހުއްޓިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު