ފީފާ ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ސައުތް ކޮރެއާ ކަޓައި، ގަދަ 32ޓީމުގެ ބުރަށް ދަތުރު ނުކުރެވުމުން އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ސޮން ހިއުން މިން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.
މުބާރާތުން ކޮރެއާ ކެޓުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު، އުމުރުން 33އަހަރުގެ ސޮން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ހިއްސާކޮށްފައެވެ.
ޓޮޓްނަމްގެ ކުރީގެ ފޯވާޑް އަދި މިހާރު އެމެރިކާ ލީގުގައި ކުޅެމުން އަންނަ ސޮން ބުނީ، މި ނާކާމިޔާބީއާ ގުޅިގެން ވާހަކަ ފަށާނެ ގޮތެއް ވެސް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ނާކާމިޔާބީން ރެކެން ބޭނުންނުވާ ކަމަށާއި، ކަމެއް ނުވާކަމަށް ހަދައިގެން ހުރެވެން ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. ކޮރެއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އިތުރަށް ބުނީ، ވަރލްޑްކަޕަކީ އޭނާގެ ކުޑައިރުގެ ހުވަފެނެއް ކަމަށާއި، މިއީ އަމިއްލަ ނަފްސަށް ވެސް ނުހަނު މުހިއްމު މުބާރާތެއް ކަމަށެވެ.
ސަޕޯޓަރުންގެ ހިތްތަކުން އަލުން ޖާގަ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެމުން ސޮން ވަނީ، ކުޅުންތެރިންގެ ހިތް މަރާލުމުގެ ބަދަލުގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ، ސަޕޯޓް ކުރުންމަތީ ދެމިތިބުމަށް އެދިފައެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ގައުމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަމަށް ވެސް އޭނާ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ކޮރެއާ ކުޅުނު ފުރަތަމަ މެޗުން ޗެކިއާ އަތުން މޮޅުވި ނަމަވެސް، ޖެހިގެން އައި ދެ މެޗުގައި ސައުތް އެފްރިކާ އަދި މެކްސިކޯ އަތުން ބަލިވުމުން އެ ގައުމު ވަނީ މުބާރާތުން ކަޓާފައެވެ. ފަހު މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް ދެވަނަ ބުރަށް ދެވެން އޮތް ނަމަވެސް، ފަސޭހަ ގްރޫޕަކުން ކޮރެއާ ކެޓުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ނާކާމިޔާބީއާ ގުޅިގެން އެ ގައުމުގެ ކޯޗު ހޮން މިއުންގ މަގާމުން އިސްތިއުފާ ދީފައިވާއިރު، ގްރޫޕް ސްޓޭޖުން ޓީމު ކެޓި މައްސަލަ ތަހުގީގު ކުރުމަށް ކޮރެއާގެ ރައީސް ލީ ޖޭ މިޔޮން ވަނީ މިހާރު އަންގަވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.