ފީފާ ވޯލްޑް ކަޕް 2026 އިން ދެކުނު ކޮރެއާ ކެޓުމާ ގުޅިގެން އެ ގައުމުގެ ރައީސް ލީ ޖައެ މިޔުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ގައުމީ ޓީމުގެ ހެޑް ކޯޗު ހޮންގް މިޔުން ބޯ މަގާމުން އިސްތިއުފާދީފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ، މަގާމުން ވަކިވިކަން ހާމަކޮށް ބަޔާނެއް އިއްވާފައެވެ.
ކޮރެއާގެ ކުރީގެ ކެޕްޓަންކަން ވެސް ކުރި ހޮންގް އިއްވި ބަޔާނުގައި ބުނީ، ގައުމީ ޓީމަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކެއްގެ ކިބައިން އިޚުލާސްތެރިކަމާ އެކު މައާފަށް އެދޭ ކަމަށެވެ.
"މިއަދު އަޅުގަނޑު މިވަނީ ކޮރެއާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިވާން ނިންމާފައި،" ހޮންގް ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ގައުމީ ޓީމާ ހަވާލުވުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް، އެއްވެސް އުޒުރެއް ނުދައްކައި އެންމެ ފަހު ވަގުތާ ހަމައަށް މަސްއޫލިއްޔަތު އަދާކުރުމަކީ ވާޖިބެއް ކަމަށް ދުށް ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާ މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން ދެކުނު އެފްރިކާ އަދި މެކްސިކޯ އަތުން ވަނީ ބަލިވެފައެވެ. މުބާރާތް ފުޅާކޮށްފައި އޮތުމުން ގްރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދެއް އޮތް ނަމަވެސް، ކޮންގޯ އަތުން އުޒްބެކިސްތާން 3-1 ގެ ނަތީޖާއަކުން ބަލިވުމާއެކު ކޮރެއާގެ އެ އުއްމީދު ވަނީ ފެނަށް ގޮސްފައެވެ.
ޓީމު ކެޓުމާ ގުޅިގެން ރައީސް ލީ ޖައެ މިޔުން ނެރުއްވި ބަޔާނެއްގައި ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށާއި، ޓީމު އެކުލަވާލި ގޮތާއި، ހިންގުމުގެ ނިޒާމުގެ އިތުރުން ކޯޗު އައްޔަންކުރި ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ގާބިލުކަމަށްވުރެ ބޮޑަށް ވަކި ބަޔަކަށް ވަފާތެރިވުމާއި ގާތް ގުޅުންތަކަށް އިސްކަންދިނުމުގެ ނަތީޖާ މިއަދު ފެނިގެން ހިނގައްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އުމުރުން 57 އަހަރުގެ ހޮންގް ގައުމީ ޓީމާ ހަވާލުވި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާގެ އިރުޝާދުގެ ދަށުން ކޮރެއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. ޖެހިޖެހިގެން 11 ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެ، 2002 ވަނަ އަހަރު ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ދެކުނު ކޮރެއާއަކީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ.
މި ނާކާމިޔާބީއާ ގުޅިގެން ގައުމީ ޓީމުގެ ކަންކަން މުރާޖާކުރުމަށް ދެކުނު ކޮރެއާގެ ރައީސް ވަނީ އެ ގައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމަށް އަންގަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކުޅިވަރުގެ އިދާރީ ނިޒާމު އިސްލާހު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.