ޕެޕް ގާޑިއޯލާ ވަކިވުމަށް ފަހު މެންޗެސްޓަރ ސިޓީގެ އާ ކޯޗަކަށް އެންޒޯ މަރެސްކާ ހަމަޖެއްސިކަން އިއުލާންކުރުމާ އެކު، ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އާދަޔާ ހިލާފު ސުވާލެއް އުފެދުނެވެ: މިދިޔަ ސީޒަންގެ ތެރެއިން ޗެލްސީ ދޫކޮށްލި މަރެސްކާއަށް ޓަކައި މެންޗެސްޓަރ ސިޓީން ޗެލްސީއަށް 17 މިލިއަން ޕައުންޑް ދައްކަންޖެހުނީ ކީއްވެގެން ހެއްޔެވެ؟
މީގެ ޖަވާބު ގުޅިފައި ވަނީ ފުޓްބޯޅަ ކޮންޓްރެކްޓްތަކާއި، ގާނޫނީ ޒިންމާތަކާއި، އަދި ޗެލްސީ އެފްސީން މަރެސްކާ ވަކިވުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުން ބޮޑު ހާލަތްތަކާއެވެ.
މަރެސްކާ އަދިވެސް ހުރީ ކޮންޓްރެކްޓްގެ ދަށުން ޗެލްސީއާ ބަނދެވިފައި
ޖެނުއަރީ 2026 ގައި މަރެސްކާ ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިން ނަމަވެސް، އެ ކްލަބާ އެކު އޮތް ކޮންޓްރެކްޓްގެ ގުޅުން މުޅިން ހައްލެއް ނުވެއެވެ. އޭނާ ސޮއިކޮށްފައި ވަނީ 2029 ގެ ނިޔަލަށް ދެމިގެންދާ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައެވެ. އެހެންކަމުން އޭނާ ވަކިވިއިރު ގާތްގަނޑަކަށް ތިން އަހަރާއި ބައިގެ މުއްދަތު ބާކީ އޮތެވެ. ޗެލްސީން ބުނަމުންދިޔައީ އޭނާގެ އިސްތިއުފާއާއި އޭގެ ފަހުން މެންޗެސްޓަރ ސިޓީއާ އެކު ދެކެވުނު ވާހަކަތަކުގެ ސަބަބުން ގާނޫނީ އަދި މާލީ ޒިންމާތަކެއް އުފެދޭ ކަމަށެވެ.
ޕްރޮފެޝަނަލް ފުޓްބޯޅައިގައި، ކޮންޓްރެކްޓްތަކުގެ ކަންކަމުގައި ކޯޗުންނާ މެދު ވެސް އަމަލުކުރެވެނީ ކުޅުންތެރިންނެކޭ އެއްފަދައިންނެވެ. އެހެން ކްލަބަކުން އަދިވެސް ކޮންޓްރެކްޓްގައި ހުރި ނުވަތަ ވަކިވުމުގެ ކޮންޓްރެކްޓްގެ ޒިންމާތައް ހައްލުނުވެ ހުރި ކޯޗަކު އައްޔަންކުރަން ބޭނުން ނަމަ، ގިނަ ފަހަރަށް ބަދަލު ފައިސާ (ކޮމްޕެންސޭޝަން) ދައްކަންޖެހެއެވެ.
ޗެލްސީން ގަބޫލުކުރި ގޮތުގައި މެންޗެސްޓަރ ސިޓީން މަރެސްކާއާ މާ އަވަހަށް މުއާމަލާތްކުރި
މި މައްސަލަ ބޮޑަށް ހޫނުވީ، މަރެސްކާ ޗެލްސީގެ ކޯޗަކަށް ހުރެ، ގާޑިއޯލާގެ ފަހަތުން ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޗެލްސީން ބުނުމުންނެވެ. ޗެލްސީގެ ރަސްމީ ބަޔާންތަކުގައިވާ ގޮތުން، 2025-26 ސީޒަނުގެ ތެރޭގައި މަރެސްކާ ވަނީ ފުރުސަތު ލިބިއްޖެނަމަ މެންޗެސްޓަރ ސިޓީގެ ވަޒީފާ ބޭނުންވާކަން އެ ކްލަބަށް އަންގާފައެވެ.
ހަބަރުތައް ބުނާގޮތުގައި ޗެލްސީން ދިޔައީ ގާނޫނީ ފިޔަވަޅު އެޅުމަށާއި، މެންޗެސްޓަރ ސިޓީން ގަވާއިދާ ހިލާފަށް މަރެސްކާއާ މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ވިސްނަމުންނެވެ. ކްލަބުގެ އޮފިޝަލުން ބުނި ގޮތުގައި މަރެސްކާގެ ސަމާލުކަން ސިޓީގެ ވަޒީފާއަށް ހުއްޓިފައި ހުރުމުގެ ސަބަބުން ސްޓެމްފޯޑް ބްރިޖުގައި ހަމަނުޖެހުން އުފެދި، އޭނާ ކުއްލިއަކަށް ވަކިވުމުން ޗެލްސީގެ ސީޒަނަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.
މެންޗެސްޓަރ ސިޓީން 17 މިލިއަން ޕައުންޑް ދައްކަން އެއްބަސްވި ސަބަބު
ދިގުދެމިގެންދާ ގާނޫނީ ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި، މެންޗެސްޓަރ ސިޓީން ނިންމީ ޗެލްސީއާ އެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އެއްބަސްވުމުގައި ހިމެނެނީ:
- މެންޗެސްޓަރ ސިޓީން ޗެލްސީއަށް ގާތްގަނޑަކަށް 17 މިލިއަން ޕައުންޑް ގެ ބަދަލު ފައިސާއެއް ދެއްކުން.
- މަރެސްކާގެ ފަރާތުން އިތުރު މާލީ ބަދަލެއް ދިނުން.
- އޭނާ ވަކިވުމުގެ ސަބަބުން ޗެލްސީއަށް ނޭދެވޭ އަސަރުތަކެއް ކުރިކަން ގަބޫލުކޮށް، މަރެސްކާ އާންމުކޮށް މާފަށް އެދުން.
17 މިލިއަން ޕައުންޑުގެ މި އަދަދަކީ ފުޓްބޯޅަ ކޯޗަކަށް މިހާތަނަށް ދެއްކި އެންމެ ބޮޑު ބަދަލު ފައިސާގެ ތެރެއިން އެއް އަދަދު ކަމަށް ބެލެވެއެވެ. މީގެ ސަބަބުން މެންޗެސްޓަރ ސިޓީއަށް އަވަހަށް ކޯޗު އައްޔަންކުރުމުގެ ފުރުސަތު ލިބި، ގާޑިއޯލާ ވަކިވުމަށް ފަހު އެ ކްލަބުގެ ކުރިމަގުގެ ރޭވުންތަކަށް ގާނޫނީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވެދާނެ ހުރަސްތަކުން ސަލާމަތްވިއެވެ.
މެންޗެސްޓަރ ސިޓީން މަރެސްކާ ހޯދަން އެހާ ބޮޑަށް ބޭނުންވި ސަބަބު
މަރެސްކާއަކީ ގާޑިއޯލާގެ ފަހަތުން ކޯޗުކަމާ ހަވާލުވާން އެންމެ އެކަށީގެންވާ މީހާ ކަމަށް ފެނުނީ، އޭނާއަށް މިހާރު ވެސް ކްލަބުގެ ފަލްސަފާއާއި އޮނިގަނޑު ވަރަށް ރަނގަޅަށް އެނގޭތީއެވެ. ޗެލްސީ އަދި ލެސްޓަރ ސިޓީގެ ކޯޗުކަން ކުރުމުގެ ކުރިން އޭނާ ވަނީ:
- މެންޗެސްޓަރ ސިޓީގެ އެލީޓް ޑިވެލޮޕްމަންޓް ސްކޮޑަށް ކޯޗުކަން ކޮށްދިނުމުގެ އިތުރުން
- ސިޓީން ތާރީހީ ތިން ތަށި (ޓްރެބަލް) ހޯދި ސީޒަނުގައި ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ ،
- ލެސްޓަރ ސިޓީ އެފްސީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ
- ޗެލްސީއާ އެކު ޔޫއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީގެ މެނޭޖްމަންޓުން ދުށީ ، ގާޑިއޯލާގެ 10 އަހަރުވީ ކާމިޔާބު ދައުރަށްފަހު ކްލަބުގެ ސިޔާސަތުތައް މެދުނުކެނޑި ކުރިއަށް ގެންދިއުން، ރެކޯޑް ، ބަދަލު ފައިސާއަށް ވުރެ މާ މުހިންމު ކަމަށެވެ.
17 މިލިއަން ޕައުންޑުގެ މި އެއްބަސްވުމާ އެކު، ކަރެސްކާގެ މާފަށް ފަހު ، ފަހުގެ ތާރީހެއްގައި ޕްރިމިއާ ލީގުގައި ހިނގި އެންމެ ހޫނު ކޯޗުންގެ ޓްރާންސްފާގެ މައްސަލަ ނިމުމަކަށް އައިސް، މެންޗެސްޓަރ ސިޓީގައި ރަސްމީކޮށް ޕޯސްޓް-ގާޑިއޯލާ (ގާޑިއޯލާއަށް ފަހުގެ) ދައުރު ފެށުނީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.