ޗެލްސީގެ އެންޒޯ ފެނާންޑޭޒް ހޯދުމަށް މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް މެންޗެސްޓަރ ސިޓީގެ ނެތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީން އޭނާއަށް ޝައުގުވެރިވާ ވާހަކައަކީ ހަގީގަތެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކްލަބުން އެންމެ ބޮޑު އިސްކަމެއް އަދިވެސް ދެނީ ނޮޓިންހަމް ފޮރެސްޓްގެ އެލިއަޓް އެންޑަސަން ހޯދުމަށެވެ.
މިދިޔަ މަހު ސްކައި ސްޕޯޓްސް ނިއުސްއިން އެކްސްކްލޫސިވްކޮށް ހާމަކޮށްފައިވާ ގޮތުގައި އެންޑަސަން ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ސިޓީއެވެ. އަދި މި ހޫނު މޫސުމުގައި އޭނާ އިއްތިހާދު ސްޓޭޑިއަމަށް ބަދަލުވާނެ ކަމުގެ އުންމީދު ބޮޑެވެ.
ފެނާންޑޭޒްގެ އަގު 100 މިލިއަން ފައުންޑަށް ވުރެ މަތި ކަމަށް ބެލެވޭއިރު، ޗެލްސީން އޭނާ ވިއްކާލާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން 2032ވަނަ އަހަރާ ހަމައަށް ދެމިގެންވެއެވެ.
މެޑްރިޑްގައި ދިރިއުޅެން ބޭނުންވާ ކަމަށް އިއުތިރާފުވެ ކްލަބު ބަދަލުވެދާނެކަމުގެ އިޝާރާތެއް ފެނާންޑޭޒް ދިނުމާ ގުޅިގެން، އޭޕްރީލް މަހުގެ ދެ މެޗަކުން އޭނާ ވަނީ ބާކީކޮށްފައެވެ. އެ ވާހަކަތަކާ ގުޅިގެން އެ ކުޅުންތެރިޔާއާއި އޭނާގެ އެޖެންޓް ވެސް ވަނީ މާފަށް އެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.