މެންޗެސްޓަރ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ފަހިވެފައިވާ އިންގްލެންޑުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯން ސްޓޯންސް ހޯދުމުގެ މަސައްކަތް ޗެލްސީން ފަށައިފިއެވެ.
ޗެލްސީގެ އައު ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފަހަތް ވަރުގަދަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ސްޓޯންސް ގެނައުމަށް އެ ކްލަބުން ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާއިރު، އިޓަލީގެ ގަދަބާރު އިންޓަރ މިލާނުން ވެސް ދަނީ އުމުރުން 32އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ފާރަލަމުންނެވެ. މި ބަދަލުތަކާއެކު، ޗެލްސީގައި މިހާރު ތިބި ގިނަ ޑިފެންޑަރުންތަކެއް ދޫކޮށްލުމަށްފަހު މުޅިން އައު ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން ސްކޮޑު ވަރުގަދަކުރުމަކީ އަލޮންސޯގެ އެންމެ ބޮޑު އެއް އަމާޒެވެ.
އިނގިރޭސި ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހާސިލުކޮށްފައިވާ ސްޓޯންސްގެ އިތުރުން ވެސް، ފެންވަރު ރަނގަޅު އެހެން ކުޅުންތެރިންނަށް ޗެލްސީން ދަނީ ފާރަވެރިވަމުންނެވެ. މި ގޮތުން، ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު މެކްސްއެންސް ލަކްރޮއިކްސްއާއި ކޯމޯގެ ސްޕެއިން ޑިފެންޑަރު ސަމޯންއަކީ ވެސް އެ ކްލަބުގެ ރާޑަރުގައި ތިބި ކުޅުންތެރިންކަން ވަނީ ފާހަގަކުރެވިފައެވެ.
އެސްޓަން ވިލާ ދޫކޮށް މެންޗެސްޓަރ ސިޓީއާ ގުޅުމަށް ފަހު ސްޓޯންސް ވަނީ އެ ކްލަބުގައި އާދަޔާޚިލާފު ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހަ ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، އަދި ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. ހަމައެހެންމެ، ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަރ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް އޭނާ ވަނީ ސިޓީއާ އެކު ހާސިލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.