މީގެ މަދު ދުވަސްކޮޅެއް ކުރިން، ފީފާ ވޯލްޑް ކަޕް 2026ގައި ސެނެގާލް ދެމިއޮންނާނެ ކަމަށް ގަބޫލުކުރީ މަދު ބައެކެވެ.
ފްރާންސާއެކު ގްރޫޕް އައި އިން ދެވަނަ ބުރަށް ދާނެ އެންމެ ފޭވަރިޓް އެއް ޓީމުގެ ގޮތުގައި ގިނަ ބަޔަކު ބެލި "ލަޔަންސް އޮފް ޓެރަންގާ"އަށް ފުރަތަމަ ދެ މެޗުން މޮޅުނުވެވި، ނެގެޓިވް ގޯލްގެ ތަފާތަކާއެކު ފަހު ބުރާ ކުރިމަތިލާން ޖެހުމުން މުބާރާތުން ކުރިން ކެޓުމުގެ ބިރު އޮތީ ބޮޑުވެފައެވެ.
ނަމަވެސް ސެނެގާލުން އުންމީދު ކަނޑައެއް ނުލައެވެ.
އިރާގާ ދެކޮޅަށް ކުޅުނު ގްރޫޕްގެ ފަހު މެޗަށް އެޓީމު ނިކުތްއިރު، ހާލަތު އޮތީ ވަރަށް ސާދާކޮށެވެ. ހަމައެކަނި މޮޅުވުމަކުން ނުފުދެއެވެ. މުބާރާތުގެ އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނުމަށްޓަކައި ސެނެގާލަށް ބޭނުންވީ ތިން ޕޮއިންޓާއި ބޮޑު ތަފާތަކުން މޮޅުވުމެކެވެ.
އޭގެ ފަހުން ފެނިގެންދިޔައީ ގްރޫޕް ސްޓޭޖުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި ބަދަލުވުމެވެ.
އިރާގުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި އެޓީމު 10ކުޅުންތެރިންނަށް މަދުވުމުން ސެނެގާލަށް ކަންތައްތައް ކޮންމެވެސް ވަރަކަށް ފަސޭހަވި ނަމަވެސް، އެޓީމުން ބުރަ މަސައްކަތް ކުރަން ޖެހުނެވެ. އެފްރިކާގެ ބާރުގަދަ ސެނެގާލުން ހުއްޓުމެއްނެތި ހަމަލާ އުފައްދަމުން ދިޔައީ، ކޮންމެ ގޯލަކީވެސް އެޓީމުގެ ވޯލްޑް ކަޕްގެ މުސްތަގުބަލު ކަނޑައަޅާނެ ގޯލެއްކަން ދަނެގެންނެވެ.
މެޗުގެ ފަހުކޮޅަށް ދިޔައިރު، ގޯލުގެ ތަފާތު ރަނގަޅު ކުރުމަށް އިތުރު ގޯލުތަކެއް ބޭނުންވެފައި އޮތުމުން ޕްރެޝަރު ބޮޑުވިއެވެ. ނަމަވެސް ފަހަތަށް ނުޖެހި، އެޓީމުން ކުރިއަށް ޖެހި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ ފަހުކޮޅު ފުލުފުލުގައި ގޯލުތަކެއް ޖަހައި، ހަނދާންތުރިވި ކުޅުމަކާއެކު ފަސް ގޯލު ކާމިޔާބުކުރުމެވެ.
މި ބޮޑު މޮޅާއެކު ސެނެގާލުގެ ތަގުދީރު ބަދަލުވިއެވެ. މުބާރާތް މާޔޫސްކަމާއެކު ފަށައި، ފުރަތަމަ ދެ މެޗަށްފަހު ނެގެޓިވް ގޯލް ތަފާތެއް އޮތް ނަމަވެސް، އެޓީމުން ވަނީ އާދަޔާ ހިލާފު އެނބުރިއައުމަކާއެކު އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރެއިން ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު ދުވަހުގެ މެޗުތައް ކުޅެ ނިމުމުގެ ކުރިންވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވިއިރު، މިއީ 2026ގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ފާހަގަކޮށްލެވޭ ސަލާމަތްވުމެވެ.
ފުރަތަމަ ދެ މެޗަށްފަހު އުންމީދު ކަނޑާލާފައި އޮތް ނަމަވެސް، ސެނެގާލުން ދެއްކީ ހިތްވަރާއި، އިތުބާރާއި އަޒުމެވެ. "ލަޔަންސް އޮފް ޓެރަންގާ"އަނެއްކާ ވެސް ގުގުމާލައިފިއެވެ. އަދި އެޓީމުގެ ވޯލްޑް ކަޕްގެ ހުވަފެން އަދިވެސް އޮތީ ދިރިދިރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.