ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕޯޗްގަލް ފަހަތަށް ޖައްސާލައި ކޮލަމްބިއާ ގްރޫޕް އެއްވަނަ ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

މިއާމީގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ފަހަތަށް ޖައްސާލުމަށް ފަހު، ކޮލަމްބިއާއިން ގްރޫޕް ކޭގެ އެއްވަނަ ހޯދައިފިއެވެ.

މި މެޗުގެ ފަހުކޮޅު ކޮލަމްބިއާއިން ޖެހި ބަހުސް ބޮޑު ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ޑެވިންސަން ސަންޗޭޒް ބޮލުން ފޮނުވާލި ބޯޅައާ އެކު ދެކުނު އެމެރިކާގެ ކޮލަމްބިއާއިން މި ފޯރިގަދަ މެޗުން މޮޅުވި ކަމަށް ހީވިއެވެ. ނަމަވެސް، އެސިސްޓަންޓް ރެފްރީގެ ނިންމުމާ އެކު އެ ލަނޑު ގަބޫލެއް ނުކުރިއެވެ. އޭނާ ހުރީ ވަރަށް ކުޑަ މިންވަރަކަށް އޮފްސައިޑްގައެވެ.

ސްޓޭޑިއަމްގެ ބޮޑު ސްކްރީނުން ދެއްކި ރީޕްލޭތަކަށް ސަޕޯޓަރުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވިއިރު، އެ ރީޕްލޭއިން ފެންނަ ގޮތުގައި ޓޮޓެންހަމްގެ ކުރީގެ ސެންޓަރ ބެކްގެ ކަނާތު ފައިގެ އިނގިލި ހުރީ އޮފްސައިޑްގައެވެ. އެއީ ޑިއޯގޯ ކޮސްޓާ ފަހަތަށް ޖައްސާލުމަށް ފަހު އޭނާ ބޮލުން ގޯލަށް ބޯޅަ ފޮނުވާލުމަށް ހުރަސްކޮށްލި ވަގުތުގައެވެ.

ގަވާއިދަށް ބަލާއިރު އެއީ އޮފްސައިޑް ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ގްރޫޕްގެ ރޭންކިންގަށް ބަދަލެއް ނައި ނަމަވެސް، މިއީ މުޅި މެޗުގެ ކުޅުމަށް ބަލާއިރު ކޮލަމްބިއާ އަށް ހައްގުވި މޮޅެއް ގެއްލިގެންދިޔަ ނިންމުމެކެވެ. އަދި ބީބީސީގެ ސްޓޫޑިއޯގައި ތިބި އެނަލިސްޓުންގެ މެދުގައި ވެސް މިކަމާ ހިތްހަމަނުޖެހުން އުފެދުނެވެ.

"އެއީ އޮންސައިޑް. އެމީހުން އަހަރެން ކައިރީގައި ކޮންމެ އެއްޗެކޭ ބުންޏަސް އަދި ކޮންމެ މައުލޫމާތެއް ދިނަސް، އެއީ އޮންސައިޑް،" އިންގްލެންޑްގެ ކުރީގެ ފޯވާޑް އަދި ބީބީސީގެ ޕަންޑިތު ވޭން ރޫނީ ބުންޏެވެ.

"އެއީ އޮފްސައިޑް ކަމަށް ނިންމައިގެން ނުވާނެ. ހިތަށް އަރުވާލަބަލަ އެ ލަނޑަކީ ކޮލަމްބިއާ ދެވަނަ ބުރަށް ދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ލަނޑަށް ވީނަމަ ވާނެ ގޮތް."

މި މެޗަކީ ގްރޫޕް ކޭގެ އެއްވަނަ އަދި ދެވަނަ ޓީމު ކަނޑައެޅުމަށް ކުޅުނު މެޗެކެވެ.

ގްރޫޕްގެ އެއްވަނަ ހޯދުމަށް ޕޯޗުގަލްއަށް މޮޅެއް ބޭނުންވެފައިވާއިރު، އެމީހުންނާ ދެކޮޅަށް ނުކުތީ ރީނދޫ ކުލައިގެ ޖާޒީގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ދަނޑު ގުގުމާލި ކޮލަމްބިއާއެވެ.

މި މެޗުގެ ފެށުމުން ފެށިގެން ކުޅެން އެރި ކޮލަމްބިއާގެ ފޯވާޑް ޖޯން ކޯޑޮބާ، ފުރަތަމަ މިނެޓުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ފޮނުވާލި ހަމަލާއެއް ޑިއޯގޯ ކޮސްޓާ ވަނީ އެއް އަތުން ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ކެޕްޓަންކަން ކުރި ޕޯޗުގަލް ޓީމުން ފުރަތަމަ ހާފުގެ ފަހުކޮޅު ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވަރްގާސް ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ދިފާއުކޮށްފައެވެ.

އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި ދެ ލަނޑު ޖެހުމަށް ފަހު "އަހަރެން މިއައީ އެނބުރި" ކަމަށް ބުނި ރޮނާލްޑޯ، މި މެޗުގައި ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. މިއީ ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި ފުރަތަމަ މެޗުގައި ވެސް އޭނާ ފެނުނު ފަދަ ގޮތެކެވެ.

އަދި ދެވަނަ ހާފުގައި ކޮލަމްބިއާ އިން ފުލުފުލުން ހަމަލާތައް އުފައްދަމުން ދިޔައިރު، ޕޯޗުގަލްއިން ދިފާއީ ކުޅުމެއް ކުޅެން ޖެހުނެވެ. މި ހާފުގައި ރިޗަޑް ރިއޯސް އަދި ގުސްޓާވޯ ޕުއެރްޓާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލަން ލުއިސް ސުއަރޭޒް ޖެހި ވޮލީ ދިޔައީ މަތިންނެވެ. އޭގެ ފަހުން ސަންޗޭޒް ޖެހި ލަނޑު ގަބޫލެއް ނުކުރިއެވެ.

ގްރޫޕް ކޭގެ އެއްވަނަ ހޯދި ކޮލަމްބިއާ ދެން ބައްދަލުކުރާނީ ކެންސަސް ސިޓީގައި ގާނާއާއެވެ. ދެވަނަ ހޯދި ޕޯޗުގަލް ނުކުންނާނީ ގްރޫޕް އެލްގެ ދެވަނަ ހޯދި ކްރޮއޭޝިއާއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު