ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިންހެލުމުގައި ވެނެޒުއޭލާގެ ޒުވާން ކުޅުންތެރިޔަކު މަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ޖޫން 24ގައި ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި އިމާރާތްތަކުގެ ދަށުވެ އެ ގައުމުގެ 18 އަހަރުގެ ޒުވާން ގައުމީ ކުޅުންތެރިޔާ ޔިމްވަރޓް ބެރޮޓެރާން މަރުވެއްޖެއެވެ.

ހުނަރުވެރި މިޑްފީލްޑަރަކީ އެގައުމުގެ އެންމެ އުންމީދީ އެއް ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ބެލެވުނު އަދި މުސްތަގުބަލުގައި ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ހުވަފެން ދެކެމުން އައި ކުޅުންތެރިއެކެވެ. 

ވެނެޒުއޭލާގެ ޒުވާން ގައުމީ ޓީމުތަކުގައި ހިމެނި، އެގައުމުން އުފެދެމުން އައި އާ ފުޓްބޯޅަ ޖީލުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ބެރޮޓެރާން ހުރީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ލަ ގުއައިރާ ސްޓޭޓްގެ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރޭގައެވެ. އެވަގުތު މަދު ގަޑިއިރުތަކެއްގެ ތެރޭގައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުން ވަނީ އައިސްފައެވެ. ސަލާމަތްކުރާ ގްރޫޕްތަކުން އެއް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ހާދިސާ ހިނގިތާ ގާތްގަނޑަކަށް 40 ގަޑިއިރު ފަހުން އޭނާގެ ހަށިގަނޑު ވަނީ އިމާރާތުގެ ކުނިތަކުގެ ދަށުން ފެނިފައެވެ. 

މި ހިތާމަވެރި ހާދިސާއާ އެކު ވެނެޒުއޭލާގެ ފުޓްބޯޅައަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ވެނެޒުއޭލާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި، އެ ޒުވާން ކުޅުންތެރިޔާގެ މަރުގެ ހިތާމަ ފާޅުކޮށް، ގައުމު ތަމްސީލުކުރުމުގައި އޭނާ ބެހެއްޓި ފަރުވާތެރިކަމާއި، ހުނަރާއި، އަދި އިހުލާސްތެރިކަމަށް ތައުރީފުކޮށްފައިވެއެވެ. މީގެ އިތުރުން، މިހާރުގެ އަދި ކުރީގެ ކުޅުންތެރިންނާއި، ވެނެޒުއޭލާގެ ގައުމީ ޓީމުގެ ތަރިން ވެސް ވަނީ ހިތާމަ ފާޅުކޮށްފައެވެ. އެ ކުޅުންތެރިން ބެރޮޓެރާން ސިފަކުރީ ބުރަކޮށް މަސައްކަތްކުރާ، އަދި ބޮޑު ކުރިއެރުމެއް ހޯދުމުގެ ގާބިލުކަން ހުރި މަޑުމައިތިރި ޒުވާން އެތުލީޓެއްގެ ގޮތުގައެވެ. 

މި ކާރިސާގެ އަސަރު ކުރި ފުޓްބޯޅަ އާއިލާގެ ހަމައެކަނި މެންބަރަކީ ބެރޮޓެރާންއެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ބިންހެލުންތަކުގައި އިތުރު ބައެއް ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ މަރުވެފައެވެ. އަދި ބައެއް ކުޅުންތެރިންނަށް އާއިލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން ވެނެޒުއޭލާގެ ފުޓްބޯޅަ ކުޅުންތެރިޔާ ހެކްޓަރ ބެއްލޯގެ އެއް އަހަރުގެ އަންހެން ދަރިފުޅު ސަލާމަތްކުރުމަށް ޓަކައި ހަށިގަނޑުން ނިވާކޮށްގެން އޮތް އޭނާގެ އަންހެނުން ވަނީ މަރުވެފައެވެ. ނަމަވެސް އެ ކުޑަކުއްޖާ ވަނީ ސަލާމަތްވެފައެވެ. 

މި ބިންހެލުންތަކަކީ ވެނެޒުއޭލާގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ. ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1,400 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެތައް ހާސް ބަޔަކަށް އަނިޔާވެ، އަދިވެސް އެތައް ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. ނުރައްކާތެރި ލޮޅުންތަކާއެކުވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ބައިނަލްއަގުވާމީ ސަލާމަތްކުރާ ގްރޫޕްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ވެސް ދަނީ މީހުން ހޯދުމާއި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވަމުންނެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަނޑުތަކުގައި، ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވާއިރު، ގިނަ ކުޅުންތެރިން ވަނީ ކަޅު ބޭންޑް އަޅައިގެން ކުޅެފައެވެ. ވެނެޒުއޭލާގެ ފުޓްބޯޅައަށް ބަލާއިރު، ޔިމްވަރޓް ބެރޮޓެރާންގެ ވަކިވުމަކީ ހަމައެކަނި އުންމީދީ އެތުލީޓެއް ގެއްލުން ނޫނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނުގައި ގައުމީ ޓީމުގެ ޖާޒީގައި ކުޅުމުގެ ހުވަފެން ދެކެމުންދިޔަ ޒުވާނެއްގެ ވަކިވުމެވެ. (

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު