އިންޓަ މިއާމީގެ ތަރި ލުއިސް ސުއަރޭޒް ވަނީ އޭނާގެ އެކުވެރިޔާ އަދި ޓީމުގެ ބައިވެރިޔާ ލިއޮނަލް މެސީއާއި، ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއާ ދެމެދު ކިޔޭ އަޅާކިޔުންތަކާ ބެހޭގޮތުން އޭނާގެ ޚިޔާލު ހާމަކޮށްފައެވެ.
“އަހަރެން އަބަދުވެސް ބުނަން އަޅާކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް،” އުރުގުއޭގެ ފޯވާޑް އެލް ލާގުއޭރޯ އަށް ބުންޏެވެ. “މިއީ ތަފާތު ޒަމާނެއް، ތަފާތު ވައްތަރެއްގެ ފުޓްބޯޅައެއް.”
އެހެންނަމަވެސް، މި ވާހަކަތަކުގެ ތެރެއަށް ނުވަދެ ހުރުމަކީ އުނދަގޫ ކަމެކެވެ. މެސީއާއި ޔަމާލްއަކީ ވެސް އެފްސީ ބާސެލޯނާގެ އެކަޑަމީ، ލަ މާސިއާ އިން އުފެދުނު ދެ ކުޅުންތެރިންނެވެ. ދެ ކުޅުންތެރިން ވެސް އެމީހުންގެ ފުރަތަމަ ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރަމުންދަނީ 19 ނަންބަރު ޖާޒީއެވެ. އަދި ދެ ކުޅުންތެރިން ވެސް އެމީހުންގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ޖެހީ އުމުރުން 18 އަހަރާއި 11 މަހުގައެވެ. މީގެ އިތުރުން، މެސީގެ ކެރިއަރުގެ ކުރީކޮޅު، އޭރު ދުނިޔެއަށް ނޭނގޭ ތުއްތު ކުއްޖަކު ފެންވަރުވަން ހުރި ތާރީޚީ ފޮޓޯއެއް ވެސް ވެއެވެ. އެ ކުއްޖާއަކީ ބޮޑުވެގެން ދުނިޔޭގެ މަޝްހޫރު ތަރިއަކަށްވި ޔަމާލްއެވެ.
“އެއީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު ދެ ކުޅުންތެރިން،”ދެ ކުޅުންތެރިން އަޅާކިޔުމާ ދެކޮޅު ހަދަމުން ވެސް ސުއަރޭޒް އެއްބަސްވިއެވެ. “ލިއޯ ފެށިިއިރު ވެސް އެކަން ފެނުނު. ލަމީން ފެށި ހިސާބުން ވެސް އެކަން އެބަ ފެނޭ.”
ސުއަރޭޒް ބުނީ ސްޕެއިންއާ އެކު އޭނާ މި މުބާރާތުގައި އިތުރަށް ކުރިއަރަމުންދާނެ ކަމަށެވެ.
“އޭނާއަކީ ޒިންމާ ނަގަމުންދާ ކުޅުންތެރިއެއް، ސްޕެއިންއިން އޭނާގެ ކިބައިން އުންމީދުކުރާ ކަންތައްތައް އޭނާ އެބަ ފުރިހަމަކޮށްދޭ.”
އެހެން ނަމަވެސް، އުރުގުއޭ އަދި އެފްސީ ބާސެލޯނާގެ ލެޖެންޑް ފާހަގަކުރި ގޮތުގައި ލާ ރޯހާގެ ހަގީގީ ލީޑަރަކީ އެހެން ކުޅުންތެރިއެކެވެ.
“އަހަންނަށް ޕެޑްރީއަކީ އެންމެ މޮޅު ކުޅުންތެރިޔާ. ސްޕެއިން ޔަމާލްއަށް ވުރެ ބޮޑަށް ބަރޯސާވަނީ ޕެޑްރީއަށް،” އޭނާ ބުންޏެވެ. ނަމަވެސް އަބަދު އެހެން ނުވެދާނެކަން ވެސް އޭނާ ފާހަގަކުރިއެވެ.
ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ ސްޕެއިން މާޔޫސްތެރި ނަތީޖާއަކުން އެއްވަރުވި މެޗަށް ފަހު، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔަމާލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެ މެޗުން ސްޕެއިން 4-0 އިން ފަސޭހަކަމާއެކު މޮޅުވިއިރު ޔަމާލް ވަނީ ލަނޑެއް ޖަހާފައެވެ.
“އަނެއް ދުވަހު ލަމީން ކުޅެން އެރިއިރު، އެމީހުން އޭނާއަށް މާ ބޮޑަށް ބަރޯސާވި. އޭނާއަށް ތަފާތު ކަންތައްތަކެއް ކުރެވިދާނެކަން ފެނުނު، ސަބަބަކީ ޕެޑްރީއަށް އެހާ ބޮޑު ޖާގައެއް ނުލިބޭތީ. ޕެޑްރީއަށް ޖާގަ ދީފި ނަމަ، އޭނާ ތަފާތު ދައްކާނެކަން އެނގޭނެ،” ސުއަރޭޒް ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.