ވޯލްޑް ކަޕްގައި ހައިރާންކުރުވަނިވި ގޮތަކަށް 2-1އިން ޖަރުމަނު ބަލިކޮށް، އިކުއެޑޯގެ ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރުމާ ގުޅިގެން، މިއަދަކީ އެ ގައުމުގެ ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިއުލާން ކޮށްފިއެވެ.
އެ ގައުމުގެ ރައީސް ޑެނިއަލް ނޮބޯއާ ވަނީ މިކަން އެކްސްގައި އާންމުކުރައްވައިފައެވެ.
"ފާޑުކިޔުންތަކާއި، ހުތުރު ބަސްތަކާއި، އަދި ކުރިމަތިވި އުނދަގޫ ވަގުތުތަކާ އެކު ވެސް، އަލުން ތެދުވެ މުޅި ގައުމަށް މިފަދަ ބޮޑު އުފާވެރިކަމެއް ހޯދައިދިން ކުޅުންތެރިންނާއި ކޯޗަށް ޝުކުރު އަދާކުރަން. މާދަމާއަކީ ބަންދު ދުވަހެއް!" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނޮބޯއާ ވިދާޅުވިއެވެ.
އައިވަރީ ކޯސްޓް އަތުން ބަލިވެ، އަދި ކުރަސާއޯއާ އެއްވަރުވުމާ ގުޅިގެން، ގްރޫޕްއީ ގައި އިއްޔެ ކުޅުނު ފަހު މެޗުން އިކުއެޑޯއަށް މޮޅުވުން މަޖުބޫރުވެފައި އޮތެވެ.
ދެކުނު އެމެރިކާގެ މި ޓީމު ކޮޅަށް ޖަރުމަނުން ކުރިން ލަނޑެއް ޖެހި ނަމަވެސް، އެނބުރި މެޗުގެ ތެރެއަށް އައިސް އެމީހުން ވަނީ މޮޅެއް ކަށަވަރުކޮށްފައެވެ. މިއާ އެކު، މުޅިން ފުރިފައި އޮތް ނިއު ޔޯކް/ނިއު ޖާޒީ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާފާޅުކުރުންތަކެއް ފެށުނެވެ.
ޖަރުމަނަށް ކުރިންވެސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވުން އޮތީ ކަށަވަރުވެފައެވެ. އައިވަރީ ކޯސްޓް ދެވަނަ ހޯދީ ކުރަސާއޯ އަތުން 2-0އިން މޮޅުވެގެންނެވެ.
އިކުއެޑޯ ކޮލިފައިވީ ތިންވަނަ ހޯދި އެންމެ މޮޅު އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. މިއީ އެ ގައުމުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން 16 ޓީމުގެ ބުރަށް ދަތުރުކުރީ 2006ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.