ލަނޑެއް ނުޖެހި މުބާރާތުން ކެޓުމާ ގާތްވެފައި އޮތް އެކުއެޑޯ، ޖަރުމަނު ސިއްސުވާލުމަށް ފަހު ފުރިހަމަ ގޮތެއްގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ލެޓިން އެމެރިކާގެ ފޯރިއާއި ކަރުނަ އަދި ފަޚުރާ އެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު ބަލިކޮށް 32 ޓީމުގެ ބުރުން ޖާގައެއް ކަށަވަރުކުރިއިރު، އެކުއެޑޯގެ ފަރާތުން މި ހުރިހާ ކަމެއް ފެނިގެންދިޔައެވެ. އެޓީމުން މޮޅުވީ ފަހަތުން އަރައި، މެޗުގެ ފަހުކޮޅު ޖެހި ލަނޑުންނެވެ. .
މެޗު ނިމުނުކަމުގެ ފަހު ކަށިގަނޑާ އެކު ކުޅުންތެރިންނާއި، ކޯޗިން ސްޓާފުން އަދި ސަޕޯޓަރުންނަށް ވެސް ޖަޒުބާތުތައް ހިފަހައްޓައެއް ނުލެވުނެވެ. އެއްވަރުވުމުން މުބާރާތުން ކަޓާނެތީ، އެޓީމު އޮތީ މުބާރާތުން ވަކިވުމުގެ ތުންފަތްމަތީގައެވެ. އެޓީމަށް ބޭނުންވީ ހަމައެކަނި މޮޅެކެވެ.
އެކުއެޑޯ މި މެޗާ ކުރިމަތިލީ ފުރަތަމަ ދެ މެޗުން ލިބުނު އެންމެ ޕޮއިންޓަކާ އެކުގައެވެ. އެޓީމު ވަނީ އައިވަރީ ކޯސްޓް އަތުން ބަލިވެ، ކުރަސާއޯއާ އެއްވަރުވެފައެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ، އޭގެ ކުރިން މި މުބާރާތުގައި އެޓީމަށް އެންމެ ލަނޑެއް ވެސް ޖެހިފައި ނުވުމެވެ.
މި ގޮންޖެހުން މިއަށް ވުރެ ވަކިން ބޮޑެއް ނުކުރެވޭނެއެވެ. ޖަރުމަނުން އޮތީ ކުރިން ވެސް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައެވެ. ނަމަވެސް، މުހިންމު ކުޅުންތެރިންނަށް އަރާމުކުރުމުގެ ބަދަލުގައި، އެޓީމުން ވަނީ ވަރުގަދަ ފުރަތަމަ އެގާރައެއް ނެރެ، ފަސޭހަކޮށްނުލާނެކަން ދައްކާފައެވެ.
ޖަރުމަނުން ލަނޑެއް ޖަހައި ކުރިހޯދުމުން، އެކުއެޑޯގެ ވޯލްޑް ކަޕް ހުވަފެން ފެނަށްވީ ކަމަށް ހީވިއެވެ.
ނަމަވެސް ޕްރެޝަރަށް ދޫނުދީ، އެކުއެޑޯއިން ދެއްކީ މޮޅު ކުޅުމެކެވެ. އެޓީމުން ނަތީޖާ ހަމަހަމަކޮށް، އުންމީދު ކަނޑައެއް ނުލައެވެ. އަދި އޭގެ ފަހުން ގޮންޒާލޯ ޕްލާޓާ ވަނީ ކޮންމެ އެކުއެޑޯ ރައްޔިތަކު ކުރަމުންދިޔަ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ. މެޗުގެ 77ވަނަ މިނެޓުގައި އޭނާ ޖެހި މޮޅުވި ލަނޑާ އެކު، މެޓްލައިފް ސްޓޭޑިއަމްގައި ތިބި އެތައް ހާސް އެކުއެޑޯ ސަޕޯޓަރުންނާއި، ގައުމުގައި ތިބި ސަޕޯޓަރުން އުފަލުން ނަށަން ފެށިއެވެ.
މެޗު ނިމުމާއެކު ފެނުނު އުފާވެރި މަންޒަރުތަކުން ހުރިހާ ކަމެއް ހާމަވެގެންދިޔައެވެ. ކުޅުންތެރިން އުފަލުން ދަނޑުމައްޗަށް ވެއްޓި ރޮމުންދިޔައިރު، ކޯޗުން ދިޔައީ ބައްދާލައިގެން އުފާފާޅުކުރަމުންނެވެ. އަދި ސަޕޯޓަރުން ވަނީ އެކުއެޑޯގެ ފުޓްބޯޅަ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު އެއް ރޭ ފާހަގަކޮށްފައެވެ.
ހަތަރު ޕޮއިންޓާއެކު ޖަރުމަނާއި އައިވަރީ ކޯސްޓްގެ ފަހަތުން އެކުއެޑޯ ގްރޫޕުގެ ތިންވަނަ ހޯދި ނަމަވެސް، އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމަށް އެ އަދަދު ފުދޭނެއެވެ. ސަބަބަކީ ގިނަ ގްރޫޕްތަކުގެ ތިންވަނަ ޓީމުތަކަށް ލިބޭނެ ކަމަށް ބެލެވެނީ ތިން ޕޮއިންޓް ކަމަށްވާތީއެވެ.
މިހާރު އޮތް ގޮތުން، 32 ޓީމުގެ ބުރުގައި އެކުއެޑޯ ބައްދަލުކުރާނީ އިންގްލޭންޑާއެވެ.
ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓަކާއި ލަނޑެއް ނުޖެހި އޮތުމަށް ފަހު، ކޮންމެހެން މޮޅުވާންޖެހޭ މެޗެއްގައި ޖަރުމަނު ބަލިކޮށް، އެކުއެޑޯއިން މިވަނީ މި މުބާރާތުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެނބުރިއައުން ހާސިލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.