ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރީތި ކުޅުމަށް ވުރެ ބްރެޒިލަށް މުހިންމީ މެޗުތަކުން މޮޅުވުން: ކޯޗު އެންޗެލޯޓީ

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސްކޮޓްލަންޑް އަތުން ބްރެޒިލް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން، އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ބްރެޒިލުން ބޭނުންވަނީ މެޗުތަކުގައި ހަމައެކަނި ރީތި އަދި ބަލާހިތްވާ ފަދަ މޮޅު ކުޅުމެއް ދެއްކުން ނޫން ކަމަށެވެ.

އޭނާ ހާމަކުރި ގޮތުގައި ޓީމުގެ އެންމެ ބޮޑު އަމާޒަކީ ކުޅޭ ކޮންމެ މެޗަކުން މޮޅުވުން ކަމަށާއި، ނަމަވެސް ކޮންމެ މެޗެއްގައި ވެސް އެޓީމަށް ކުޅެވޭނެ އެންމެ ރަނގަޅަކަށް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޯޗެއްގެ މޮޅުކަން ބިނާވެގެންދަނީ އޭނާ މޮޅުވާ އަދި ބަލިވާ މެޗުތަކުގެ މައްޗަށް ކަން ފާހަގަކުރަމުން އެންޗެލޯޓީ ބުނީ، މިފަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކުރެވިއްޖެނަމަ އެއީ މޮޅަށް ކުޅުނީ ކަމަށް ބެލެވޭނެ ކަމަށެވެ. ނަމަވެސް އެ އަމާޒު ހާސިލް ނުވެއްޖެ ނަމަ، އެއީ ރަނގަޅަށް ކުޅެވުނު ކަމަކަށް ނުބަލާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ފުރަތަމަ މެޗަށް ފަހު ކުޅުނު ދެ މެޗުގައި ވެސް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނާތީ ހިތްހަމަޖެހޭ ކަމަށާއި، އެހެން ނަމަވެސް ކުޅުން ހަލުވިކުރުން ފަދަ އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.

ބްރެޒިލްގެ ތަރި ނޭމާ އާ ގުޅޭގޮތުން ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ، އޭނާއަކީ އިތުރު މޯޓިވޭޝަނެއް ބޭނުންވާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ހަގީގަތަކީ ބްރެޒިލްގެ ގައުމީ ޖާރޒީ ލާ އެއްވެސް ކުޅުންތެރިއަކަށް އިތުރު ހިތްވަރެއް ނުވަތަ މޯޓިވޭޝަނެއް ބޭނުންނުވާނެ ކަން ކަމަށް ވެސް އޭނާ ބުންޏެވެ.

މި މެޗުން ބަލިވި ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ، އޭނާގެ ޓީމުގެ ފަރާތުން ފެނުނީ އުންމީދު ކުރި ފަދަ ކުޅުމެއް ނޫން ކަމަށެވެ. އަދި ބްރެޒިލް ފަދަ ވަރުގަދަ ޓީމަކަށް މެޗުގައި ފުރުސަތުތަކެއް ދިނުމުން ވާނެ ގޮތް މި މެޗުން ފެނިގެން ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ. ކްލާކް އިތުރަށް ބުނީ މިވަގުތުގެ ހާލަތަށް ބަލާއިރު ދެން އޮތް ބުރުން ޖާގައެއް ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެންމެ ގާތީ އެނބުރި ގައުމަށް ދާންޖެހުން ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު