މެޗުގެ ދެވަނަ ހާފުގައި އާލިންގް ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާ އެކު، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ސިއްސުވާލުމަށްފަހު ނޯވޭ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ހާފުގައި ބްރޫނޯ ގިމަރޭޒް އަތުން ބޭކާރުވި ޕެނަލްޓީގެ ހިތާމަ ބްރެޒިލުން ކުރަމުންދަނިކޮށް، އެ ވަގުތާ ހަމައަށް މާބޮޑު ކުޅުމެއް ނުދެއްކި ހުރި ހާލަންޑް ވަނީ، ސެންޓަރ ބެކް ގަބްރިއެލްގެ ކުރިއަށް އަރައި، އެންޑްރިއަސް ޝެލްޑަރަޕް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ފޮނުވާލައިގެން 79ވަނަ މިނެޓުގައި ނޯވޭއަށް ކުރިހޯދައިދީފައެވެ.
މެންޗެސްޓަރ ސިޓީގެ ފޯވާޑް ވަނީ 90ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ތިރި ހަމަލާއަކުން ނޯވޭއަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި، ލިއޯ އޮސްޓިގާޑް ކަސެމީރޯއަށް އުޅަނބޮށިން ހަމަލާދިން ކަމަށް ނިންމައި ރެފްރީ އިސްމާއިލް އެލްފާތު ބްރެޒިލަށް ދެވަނަ ޕެނަލްޓީއެއް ދިންއިރު، ނޭމާ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ނަމަވެސް މިއީ ބްރެޒިލަށް ހަމައެކަނި ހިތްހަމަޖެހުމަކަށް ވީއިރު، މިއީ 1990ވަނަ އަހަރުގެ ފަހުން ކުއާޓާ ފައިނަލާ ހަމައަށް ނުގޮސް އެ ގައުމު މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.
ކުއާޓާ ފައިނަލުގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ މުބާރާތް ބާއްވާ މެކްސިކޯއާއެވެ. މި ދެ ގައުމު ބައްދަލުކުރާ ގަދަ 16ގެ މެޗު އޮންނާނީ ހޯމަ ދުވަހު މެކްސިކޯ ސިޓީގައެވެ.
ނިއު ޖާޒީގައި ކުޅުނު ފޯރިގަދަ މެޗުގެ އެންމެ ހަތަރުވަނަ މިނެޓުގައި ނޯވޭގެ މިޑްފީލްޑަރު ޕެޓްރިކް ބާގް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެލެގްޒެންޑަރ ސޯލޮތު އޮފްސައިޑްގައި ހުރުމުން އެ އުފާފާޅުކުރުންތައް މެދުކަނޑާލަން ޖެހުނެވެ.
ކުރީކޮޅު ކުރިމަތިވި ނުރައްކަލުން ސަލާމަތްވުމުގެ ހަމަޖެހުމާ އެކު، އޭރިއާ ތެރެއިން ކްރިސްޓޮފާ އަޔާ، މަތެއުސް ކުންހާއަށް ކުރި ސްލައިޑިންގ ޗެލެންޖަކާ ގުޅިގެން ބްރެޒިލަށް ކުރިހޯދުމުގެ ރަން ފުރުސަތެއް ލިބުނެވެ.
ނަމަވެސް ނިއުކާސަލްގެ މިޑްފީލްޑަރު ގިމަރޭޒް 15ވަނަ މިނެޓުގައި ފޮނުވާލި ޕެނަލްޓީ، ނޯވޭގެ ގޯލްކީޕަރު އޮރްޔާން ނީލަންޑް ވަނީ ދިފާއުކޮށްފައެވެ. އޭނާއަކީ ހާލަންޑް ފަދައިން މި މޮޅުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އުމުރުން 35އަހަރުގެ ކީޕަރު ވަނީ، ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް އަތުން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ބޯޅަ ހޯދައިގެން ފޮނުވާލި ހަމަލާވެސް ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
މެޗުގެ 58ވަނަ މިނެޓުގައި ކުންހާގެ ބަދަލުގައި ކުޅެން އެރި އެންޑްރިކްއަށް، ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑެއް ޖެހުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ކީޕަރު ނީލަންޑްއާ އެކަނިމާ އެކަނި ކުރިމަތިލައި ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ.
އޭގެ 10 މިނެޓު ފަހުން ކާލޯ އަންޗެލޮޓީ ވަނީ ނޭމާ ކުޅެން އަރުވާފައެވެ. ނަމަވެސް މެޗުގެ ފަހު ބައިގައި މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ނޯވޭއިންނެވެ. އެގޮތުން ޝެލްޑަރަޕް ފޮނުވާލި ހަމަލާ އެލިސަން ދިފާއުކުރިއިރު، އޭގެ ފަހުން ބެންފީކާގެ ވިންގަރު ހުރަސްކޮށްދިން ބޯޅަ ހާލަންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ނީލަންޑް ވަނީ ގޯލާ ދިމާލަށް އައި ނުރައްކާތެރި ބޯޅައެއް ދިފާއުކޮށް ގޯލުގެ ދަނޑީގައި ޖައްސާފައެވެ. އޭގެ ފަހުން ހާލަންޑް އޭނާގެ ދެވަނަ ލަނޑު ޖަހައި، ހަތް ލަނޑާއެކު ރަން ބޫޓުގެ ރޭހުގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.