ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ.
ފީފާގެ ބިއުރޯ އޮފް ދަ ކައުންސިލުން އިއްޔެ ނިންމި މި ނިންމުމަކީ އެ އިދާރާގެ އަސާސީ ގަވާއިދުގެ 16ވަނަ މާއްދާއާ ހަވާލާދީ ނިންމާފައިވާ ނިންމުމެކެވެ.
މި ސަސްޕެންޝަނުގެ ސަބަބުން ނޭޕާލްގެ ފުޓްބޯޅައަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. އެގޮތުން ފީފާއާއި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)އިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނޭޕާލްގެ ގައުމީ ޓީމުތަކަށާއި ކުލަބުތަކަށް ދެން ބައިވެރިއެއް ނުވެވޭނެއެވެ. މީގެ އިތުރުން، ފީފާއާއި އޭއެފްސީން ދޭ އެހީތެރިކަމާއި، ތަރައްގީގެ މަޝްރޫއުތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގެ އިތުރުން ތައުލީމީ ކޯސްތައްވެސް އަންފާއާއި އެ އެސޯސިއޭޝަނުގެ މެންބަރުންނަށާއި އޮފިޝަލުންނަށް ވަނީ މެދުކަނޑާލާފައެވެ.
ފީފާއިން ވަނީ މި ސަސްޕެންޝަން ދެމިއޮންނަ މުއްދަތުގައި، އެ އިދާރާގެ އެހެން އެއްވެސް މެންބަރަކު އަންފާއާ ނުވަތަ އެ އެސޯސިއޭޝަނުގެ އެއްވެސް ޓީމަކާ އެކު ކުޅިވަރުގެ އެއްވެސް މުއާމަލާތެއް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ނޭޕާލްގެ ފުޓްބޯޅައިގެ ތެރޭގައި މައްސަލަ ބޮޑުވާން ފެށީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ގައުމުގެ ސްޕޯޓްސް ކައުންސިލާއި އަންފާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އަންފާގެ އިންތިޚާބު ހުއްޓުވުމަށް ނޭޕާލްގެ ޕަޓާން ހައި ކޯޓުން މީގެ ފަސް މަސް ކުރިން ކުރި އަމުރާ އެއްގޮތަށް އެސޯސިއޭޝަނުގެ އިލެކްޓޯރަލް ކޮމިޓީން އަމަލުކުރިއެވެ. އޭގެ ފަހުން، މިދިޔަ މާޗު މަހުގެ 24ވަނަ ދުވަހު ނޭޕާލް ސްޕޯޓްސް ކައުންސިލުން ވަނީ ތިން މަސްދުވަހުގެ މުއްދަތަކަށް އަންފާ ސަސްޕެންޑްކޮށްފައެވެ.
ސްޕޯޓްސް ކައުންސިލުން އަންފާ ސަސްޕެންޑްކޮށްފައި އޮތް މުއްދަތުގައި، އެ ސަސްޕެންޝަން އުވާލައި އަންފާގެ ކަންކަން މިނިވަންކަމާ އެކު ކުރިއަށްގެންދަން ފުރުސަތު ދިނުމަށް ފީފާއިން ތިން ފަހަރެއްގެ މަތިން އެންގިއެވެ. ނަމަވެސް، ސަސްޕެންގެ މުއްދަތު ހަމަވިއިރު ވެސް ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ފީފާގެ އެންގުންތަކަށް ބޯލަނބާފައެއް ނުވެއެވެ. ފީފާއިން ހާމަކުރި ގޮތުގައި، ސަސްޕެންޝަން މެދުވެރިވި ސަބަބުތައް ހައްލުކޮށްފި ނަމަ، ކުރިއަށް އޮތް ފީފާ ކޮންގްރެސްގެ ކުރިން ވެސް މި ފިޔަވަޅު އުވާލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބިއުރޯ އޮފް ދަ ކައުންސިލް ނުވަތަ ފީފާ ކައުންސިލަށް ކޮންމެ ވަގުތަކު ވެސް މި ސަސްޕެންޝަން އުވާލުމުގެ ބާރު އޮންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.