ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުރަތަމަ މެޗުގެ ގޯސްތައް ރަނގަޅު ކުރެވުނު: ޕޯޗުގަލްގެ ކޯޗު

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް، އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުރެވިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޕޯޗުގަލްއިން އުޒްބަކިސްތާނުގެ މައްޗަށް ކުރިހޯދީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ، ފުރަތަމަ މެޗުގައި ލަނޑެއް ޖެހުމަށް  ފަހު ޓީމުގެ ޑިސިޕްލިން ގެއްލި، ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށެވެ. ނަމަވެސް، އުޒްބަކިސްތާން މެޗުގައި އެކަންކަން ރަނގަޅުކޮށް، ހާއްސަކޮށް ފައިނަލް ތާޑުގައި ކުޅުންތެރިންގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނުނު ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއަކީ ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންގޮސްދިން ދެ ކުޅުންތެރިން ކަމަށާއި، އެ ދެމެދުގައި އޮތް ވާދަވެރިކަމަކީ އެމީހުން މިހާރު ތިބި ހިސާބަށް ދިއުމަށް ބޮޑު އެހީއަކަށްވި ކަމަށްވެސް ކޯޗު ބުންޏެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބުނީ މި މެޗުގައި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރެވުނު ކަމަށެވެ. ފުޓްބޯޅައިގައި އެންމެ ރަނގަޅަށް ނުކުޅެވޭ ދުވަސްތައް އަންނާނެ ކަމަށާއި، މުހިންމީ ޖެހިގެން އަންނަ މެޗުގައި އެކަންކަން ރަނގަޅު ކުރުން ކަމަށް އޭނާ ބުންޏެވެ. ނިމިދިޔަ ހަފުތާއަކީ އުނދަގޫ ހަފުތާއެއްކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ، އޭނާއާއި ކޯޗާ މެދު އާންމުން ދުށް ގޮތް ވަރަށް ގޯސް ކަމަށެވެ. ނަމަވެސް، ފުޓްބޯޅައިގައި 23އަހަރު ހޭދަކޮށްފައިވާއިރު މިއީ އާ ކަމެއް ނޫން ކަމަށާއި، ކަންކަން ރަނގަޅުވާއިރު ތައުރީފު ލިބި، ގޯސްވުން ފާޑުކިޔުން އަމާޒުވުމަކީ އަބަދުވެސް ކަން ހިނގާ ގޮތް ކަމަށް އޭނާ ބުންޏެވެ.

އުޒްބަކިސްތާންގެ ކޯޗު ފަބިއޯ ކަނަވާރޯ ބުނީ، މުބާރާތުގެ ގުރުއަތުލުމަށް ފަހު ޕޯޗުގަލްއާއި ކޮލޮމްބިއާއާ އެއް ގްރޫޕެއްގައި ހިމެނުމުން މުބާރާތް އުނދަގޫވާނެކަން އެނގުނު ކަމަށެވެ. މިއީ އުޒްބަކިސްތާނުގެ ފުރަތަމަ ވޯލްޑް ކަޕްކަން ފާހަގަކުރަމުން އޭނާ ބުނީ، މިހާތަނަށް ކުޅުނު ދެ މެޗަކީ ވެސް އުނދަގޫ ދެ މެޗު ކަމަށެވެ. ނަމަވެސް، ފުރަތަމަ މެޗުގައި ކޮލޮމްބިއާ އަތުން ބަލިވި ނަމަވެސް އަދި މި މެޗަށްފަހު  ވެސް އޭނާގެ ޓީމާ މެދު ފަހުރުވެރިވާ ކަމަށް ކަނަވާރޯ ބުންޏެވެ. ކުޅުންތެރިންގެ ކިބައިން ހާސްކަން ފެނުނު ނަމަވެސް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރު އެލުވައިނުލާ މަސައްކަތް ކުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު