ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ ފަހު މެޗަށް އެ ޓީމުގެ ތަރި ނޭމާ މުޅިން ފިޓްވެފައިވާ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ނަމަވެސް، ކުރިއަށް އޮތް ސްކޮޓްލެންޑް މެޗުގައި އޭނާ ކުޅޭނެ ކަމުގެ ސީދާ ކަށަވަރުކަމެއް ކޯޗު އަދި ނުދެއެވެ.
އުމުރުން 34އަހަރުގެ ނޭމާ ގައުމީ ޓީމުން ޖާގަ ހޯދީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ބައެއް ޝަރުތުތަކާއެކުއެވެ. އެކަމަކު ކުޑަކަލުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ފަހަރުގެ މުބާރާތުގައި އޭނާ އަދި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި ހަފުތާގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، އޭނާ މިހާރު ހުރީ މެޗަށް ފުރިހަމައަށް ތައްޔާރަށެވެ.
ނޭމާ އެނބުރި އައުމަކީ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެއްގެ ގޮތުގައި ކޯޗު އަންޗެލޮއްޓީ ސިފަކުރިއެވެ. އޭނާ ބުނީ ނޭމާ ހުރީ ކުޅެވޭ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށާއި، މުހިންމު ވަގުތެއްގައި އޭނާގެ ފެންވަރުން ޓީމަށް ބޮޑު އެހީތެރިކަމެއް ލިބޭނެތީ އުފާކުރާ ކަމަށެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ދެ މެޗުގައި ނޭމާ ނުކުޅުނު ނަމަވެސް، އޭނާގެ ތަޖުރިބާގެ ބޭނުން ޓީމުގެ ޒުވާން ކުޅުންތެރިންނަށް ކުރަމުންދާ ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ. ނޭމާ ވަރަށް ސީރިއަސްކޮށް މަސައްކަތްކޮށް، އަވަހަށް އަނިޔާއިން ސަލާމަތްވާން ކުރި މަސައްކަތްތަކަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ.
މެޗުގައި ނޭމާއަށް ކިހާ ވަގުތެއް ކުޅެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން، އަންޗެލޮޓީ ސަމާސާ ރާގަކަށް ބުނީ ހިނގާލާފައި ނަމަ އޭނާއަށް 90މިނެޓު ވެސް ކުޅެވިދާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ ނޭމާގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، އޭނާ ވަރަށް ބުރަކޮށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާކަން ސީރިއަސްކޮށް ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.