ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނޭމާ ފިޓްވުމަކީ ބްރެޒިލް ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޕަކޭޓާ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ފިޓްވުމަކީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެ ގައުމުގެ ލޫކަސް ޕަކޭޓާ ބުނެފިއެވެ.

މިރޭ ސްލޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން އޭނާ ބުނީ، ބްރެޒިލްގެ 10ނަންބަރު ކުޅުންތެރިޔާއަކީ އަބަދުވެސް ޓީމަށް ނުހަނު ބޭނުންތެރި ކުޅުންތެރިއެއް ކަމަށެވެ.

ނޭމާ އަލުން އަނބުރާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމުން މުޅި ސްކޮޑަށް ވެސް ބޮޑު އުފާވެރިކަމެއް ލިބިފައިވާކަން ޕަކޭޓާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ނޭމާގެ ހުނަރާއި އޭނާ ކުރާ ބުރަ މަސައްކަތް ބަލައިގަނެއެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފަލުން އޭނާ އަލުން ޓީމާއެކު ފަރިތަކުރަން ފެށުމުން. އޭނާ އަކީ އަބަދުވެސް ވަރަށް މުހިންމު ކުޅުންތެރިއެއް. ހުރިހާ ކުޅުންތެރިން ވެސް ގަބޫލު ކުރޭ އޭނާގެ ހުނަރާއި މަސައްކަތް" ޕަކޭޓާ ބުންޏެވެ.

މީގެ އިތުރުން ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ ދައްކަމުންދާ މޮޅު ކުޅުމަށް ވެސް ޕަކޭޓާ ވަނީ ތައުރީފުކޮށްފައެވެ. ވިނީޝިއުސްއަކީ އޭނާގެ ވަރަށް ކުރީގެ ރަހުމަތްތެރިއެއްކަން ހާމަކުރަމުން ޕަކޭޓާ ބުނީ، ވިނީޝިއުސް ދަނީ މުޅި ޓީމު ހިތްހަމަޖެހޭ ފަދަ މޮޅު ކުޅުމެއް ދައްކައި، އޭނާގެ މުހިންމުކަން ސާބިތުކޮށްދެމުން ކަމަށެވެ.

މި މުބާރާތުގައި ބްރެޒިލް ވަނީ މޮރޮކޯއާ އެއްވަރުވެ، ހައިޓީ އަތުން މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. ނަމަވެސް ޕަކޭޓާ ބުނީ މެޗު ފަސޭހަކޮށް ނުލައި، ބްރެޒިލްގެ އަމާޒަކީ މޮޅުވާން ކުޅުން ކަމަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު