ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަލްވަރޭޒް ގޮތް ނިންމައިފި، ބޭނުންވަނީ އެހެން ޓީމަކަށް ބަދަލުވާން

ޝެއާ ކުރޭ Facebook Telegram Viber X

 އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.

މީޑިއާތައް ބުނާ ގޮތުގައި ބާސެލޯނާ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި އާސެނަލްއިން އަލްވަރޭޒް ހޯދުމަށް ޝައުގުވެރިވެއެވެ. އަދި އާޖެންޓީނާގެ މި ފޯވާޑް ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެޅި 150 މިލިއަން ޔޫރޯގެ ބިޑެއް ވެސް މިދިޔަ މަހު އެތުލެޓިކޯއިން ބޭރުކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

"މިއީ މި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމަށް އަހަރެން ނުދެކެން، އެކަމަކު ކަންކަން ފޮރުވާކަށްވެސް އަހަރެން ބޭނުމެއް ނޫން،" ރޭ އޮސްޓްރިއާ އަތުން 2-0 އިން އާޖެންޓީނާ މޮޅުވި މެޗަށްފަހު އީއެސްޕީއެންގެ މާޓިން އަރެވާލޯއާ ވާހަކަދައްކަމުން އަލްވަރޭޒް ބުންޏެވެ.

"އަހަރެން މަސައްކަތް ކުރަނީ ތެދުވެރި މީހަކަށް ވާން. އަހަރެން ވާހަކަދައްކަން ޖެހޭ އެތުލެޓިކޯގެ އިސްވެރިންނާ ވާހަކަދައްކައިފިން. އަހަރެން ދެކޭގޮތުގައި އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތަކީ އަހަރެން އެހެން ކްލަބަކަށް ބަދަލުވުން. އަހަރެން ބޭނުންވަނީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން."

އުމުރުން 26 އަހަރުގެ އަލްވަރޭޒް އޭނާ ބަދަލުވާން ބޭނުންވާ ކްލަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އީއެސްޕީއެންގެ މަސްދަރުތަކުން ބުނާގޮތުގައި އޭނާ އެންމެ ބަދަލުވާން ބޭނުންވަނީ ބާސެލޯނާއަށެވެ.

ކެޓަލަން ކްލަބުން މި ހޫނުމޫސުމުގައި އާ ފޯވާޑެއް ހޯދަން މަސައްކަތް ކުރަނީ ކްލަބް ދޫކޮށްދާ ރޮބަޓް ލެވަންޑޮސްކީގެ ބަދަލުގައެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން 70 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި އިންގްލެންޑްގެ ވިންގަރ އެންތަނީ ގޯޑަން ހޯދުމަށް ފަހު، ބާސެލޯނާގެ ޓްރާންސްފާ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަލްވަރޭޒް ކަމަށް މިދިޔަ މޭ މަހު އީއެސްޕީއެން އިން ވަނީ ތަފްސީލުކޮށްދީފައެވެ.

އަލްވަރޭޒް ހޯދުމަށް ކްލަބްތަކުން ޝައުގުވެރިވުން އެތުލެޓިކޯއިން ބަލައިގެންފައެއް ނުވެއެވެ. އަދި އެ ކްލަބުން ވަނީ ލަލީގާގެ ވާދަވެރި ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ސޯޝަލް މީޑިއާގައި ވަރުގަދަ ރައްދުތަކެއް ދީފައެވެ.

އެތުލެޓިކޯއިން ވަނީ "ރޭވުންތެރިކަމާއެކު ޚަބަރުތައް ލީކުކުރުމާއި، ދޮގު ޚަބަރު ފެތުރުމާއި އަދި މެދުނުކެނޑި އިހުތިރާމް ކުޑަކުރަމުންދާ" ކަމަށް ބުނެ ބާސެލޯނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ބާސެލޯނާގެ ލަމީން ޔަމާލް، ޕެޑްރީ އަދި ރަފީނިއާ ހޯދުމަށް އެތުލެޓިކޯއިން ޖޯކު ބިޑްތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ.

އޭގެ ފަހުން އެތުލެޓިކޯއިން ވަނީ ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް ވެސް އެފަދަ ރޫހެއްގައި ރައްދުދީ، އަލްވަރޭޒްއަށް ލިބޭ އެއްވެސް ހުށަހެޅުމެއް "ދިރާސާވެސް ނުކުރާނެ ކަމަށާއި އަދި ބަލައި ވެސް ނުގަންނާނެ" ކަމަށް ބުނެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު