ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުވަފެންތައް ހަގީގަތަކަށް ހެދިދާނެކަން ކާބޯ ވާޑޭއިން ސާބިތުކޮށްދީފި: ކޯޗު ބުބިސްޓާ

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރަމުންދާ ކޭޕް ވާޑޭއިން ވަރުގަދަ އުރުގުއާއީއާ 2-2އިން އެއްވަރުކޮށް، ހުވަފެންތަކަކީ ހަގީގަތަކަށް ހެދިދާނެ އެއްޗެއްކަން ސާބިތުކޮށްދީފި ކަމަށް އެޓީމުގެ ކޯޗު ބުބިސްޓާ ބުނެފިއެވެ.

ގްރޫޕް އެޗްގައި ކުޅުނު މި ފޯރިގަދަ މެޗަށް ފަހު ވާހަކަދައްކަމުން ބުބިސްޓާ ވަނީ އޭނާގެ ޓީމުން ހޯދި މި ކާމިޔާބީއާ މެދު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.

ކޯޗު ބުބިސްޓާ ބުނީ ކޭޕް ވާޑޭއިން ހޯދަމުންދާ ކާމިޔާބީތައް ހަދިޔާކުރަނީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މަސައްކަތްކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކުދި ގައުމުތަކަށާއި މުޅި އެފްރިކާ ބައްރަށް ކަމަށެވެ. ގައުމު ކިތަންމެ ކުޑަވެފައި މާލީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް، އަޒުމާއެކު ހިތްވަރު ކޮށްފިނަމަ ބޮޑެތި މުބާރާތްތަކުގައި ބޮޑެތި ޓީމުތަކާ ވާދަކޮށް ނަތީޖާ ނެރެވިދާނެކަން ކޭޕް ވާޑޭއިން ދައްކައިދީފި ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ގްރޫޕުގައި ދުނިޔޭގެ ފެންވަރުގެ ބޮޑު ދެ ޓީމާ ދެކޮޅަށް ކުޅެ ހޯދި ނަތީޖާތަކަށް ފަހު، މުބާރާތުގެ ކުރިއަށް އޮތް ބުރާ މެދު ވިސްނުމުގެ ހައްގު ކޭޕް ވާޑޭއަށް ލިބިއްޖެ ކަމަށް ބުބިސްޓާ ބުންޏެވެ. އެއީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، ކުޅުންތެރިން ތިބީ އެ އުންމީދުގައި ކުރިމަތިލާން ތައްޔާރަށެވެ. މީގެ އިތުރުން، ފުޓްބޯޅައިގެ ޒަރީއާއިން އެފްރިކާގެ މި ކުޑަ ގައުމުގެ ސަގާފަތާއި، ކެއުންބުއިމާއި މިއުޒިކް މުޅި ދުނިޔެއަށް ތައާރަފުކޮށްދިނުމަކީވެސް އެޓީމުގެ އަމާޒެއް ކަމަށް އޭނާ ބުންޏެވެ.

މެޗަށްފަހު އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ މި ނަތީޖާއާ މެދު އޭނާ ހައިރާން ނުވާ ކަމަށާއި، ސައުދީ އަރަބިއާއާ ދެކޮޅަށް ކޭޕް ވާޑޭ ކުޅުނު މެޗުންވެސް އެޓީމުގެ ވަރުގަދަކަން ހާމަވި ކަމަށެވެ. އުރުގުއާއީއަކީ ކޭޕް ވާޑޭއަށްވުރެ މޮޅު ޓީމެއް ކަމަށް ގަބޫލުކުރި ނަމަވެސް، އެކަން ދައްކަންޖެހޭނީ ދަނޑުމަތީގައި ކަމަށް ބިއެލްސާ އެއްބަސްވިއެވެ.

ސައުދީ އަރަބިއާއާއި ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުނު ދެ މެޗަކީ ވެސް އުރުގުއާއީން މޮޅުވާންޖެހޭނެ ދެ މެޗު ކަމަށާއި، ލިބެން އޮތް 6 ޕޮއިންޓުގެ ތެރެއިން އެންމެ 2 ޕޮއިންޓް ލިބުމުގެ ޒިންމާ އޭނާ އަމިއްލައަށް ނަގާ ކަމަށް ބިއެލްސާ ބުންޏެވެ. އަދި ކުރިއަށް އޮތް މެޗު ކާމިޔާބު ކުރަން ބޭނުންނަމަ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު