ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނަށް ކުރިމަތިލާންޖެހިފައިވާ ހުރަސްތަކާއި އުނދަގޫ ހާލަތްތަކުގެ ސަބަބުން، އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކުރިއަށް ވުރެ ބޮޑަށް ވަރުގަދަވެފައިވާ ކަމަށް އެޓީމުގެ ކުރިއަށް ކުޅޭ އަލީރިޒާ ޖަހާންބަހްޝް ބުނެފިއެވެ.
އޭނާ މިހެން ބުނީ ގްރޫޕް ޖީގައި ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
ޖަހާންބަހްޝް ބުނިގޮތުގައި މިފަހަރުގެ މުބާރާތުގައި އީރާނުން އާދަޔާ ހިލާފު ބޮޑެތި ކަންތައްތަކަކަށް ނޭދެއެވެ. އެ ގައުމުން އެދުނީ މުބާރާތުގައި ވާދަކުރާ އެހެން 47ޓީމަށް ވެސް ކަންކަން ހަމަޖައްސައިދޭ އުސޫލުން އީރާނަށް ވެސް ކަންކަން ފަހިކޮށްދިނުމަށެވެ. ނަމަވެސް ކުރިމަތިވި ދަތިތަކާ އެކު ޓީމުގެ ރޫހު ވަނީ ވަރުގަދަވެފައެވެ. އީރާންގެ ސަގާފަތަކީ ދަތި ހާލަތްތަކުގައި ބަދަހިވެ، ހިތްވަރުގަދަކޮށް ކުރިމަތިލުން ކަމަށްވާއިރު، މީގެ ސަބަބުން ޓީމުގެ ކުޅުން ވެސް ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ގްރޫޕް މަރުހަލާގެ ފަހު މެޗަށް ސިއާޓްލްއަށް ދިއުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖަހާންބަހްޝް ބުނީ، މޮޅެތި ކުޅުންތެރިންތަކެއް ތިބި ބެލްޖިއަމްއާ ދެކޮޅަށް އީރާނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ހާއްސަކޮށް މެޗުގެ ފެށުން ވަރަށް ރަނގަޅުވި ކަމަށެވެ. ނަމަވެސް، މެޗުގެ ތެރެއިން އިދިކޮޅު ޓީމަށް ވުރެ އެއް ކުޅުންތެރިއަކު އިތުރަށް ކުޅުމުގެ ފުރުސަތު ލިބި، އޭގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ނުހިފުމުން ކުޅުންތެރިންގެ މެދުގައި މާޔޫސްކަން އުފެދުނު ކަމަށް އޭނާ އެއްބަސްވިއެވެ. މި މެޗުގައި އީރާންގެ ގޯލްކީޕަރު ބޯޅައެއް މަތަކުރަން މަސައްކަތް ކުރި ދަނޑިވަޅުތަކުގައި މުހިންމު ސޭވްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އީރާންގެ ގައުމީ ޓީމަކީ ވަކި ފިކުރަކަށް ނުބަލައި، މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް ޓަކައި ކުޅޭ ޓީމެއްކަން ފާހަގަކުރަމުން ޖަހާންބަހްޝް ބުނީ، ކޮންމެ ވިސްނުމެއްގެ މީހެއް ނަމަވެސް އީރާންގެ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ޓީމާއި ފުޓްބޯޅައަށް އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މި މުބާރާތުގައި އީރާން ކުޅޭ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތް މިޞްރާއެވެ. އަދި މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް ނިކުންނާނީ ނިއުޒީލަންޑާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.