ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އީރާނުން ބަލިނުވެ ދަމަހައްޓަމުންދާ ރިކޯޑަކީ ތާރީޚީ ކާމިޔާބީއެއް: ކޯޗު ގަލެނޮއީ

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕް 2026ގެ ކުރިންނާއި މުބާރާތުގެ ތެރޭގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ބަލިނުވެ އީރާނުން ދަމަހައްޓަމުންދާ ރިކޯޑަކީ ތާރީޚުގެ ތެރެއިން ޖާގަ ހޯދާނެ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު އާމިރު ގަލެނޮއީ ބުނެފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ އީރާނުން ވަނީ ފުރަތަމަ މެޗުގައި ނިއުޒީލެންޑާ 2-2އިން އެއްވަރުކޮށް، ރޭ ކުޅުނު މެޗުގައި ވަރުގަދަ ބެލްޖިއަމްއާ ވާދަކޮށް 0-0އިން އެއްވަރުކޮށްފައެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށް ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން، އީރާނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވެވޭނެކަމާ މެދު ކުރިން އޮތީ ސުވާލު އުފެދިފައެވެ. މީގެ އިތުރުން އެހެން ގައުމުތަކުން އެކުވެރިކަމުގެ މެޗުތައް ކެންސަލްކުރުމާއި، ގައުމީ ލީގުގެ ކުޅުން މެދުކެނޑިފައި އޮތުމުގެ ސަބަބުން އީރާން ޓީމުގެ ތައްޔާރުވުންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

ޓީމަށް ކުރިމަތިވި ދަތި ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ގަލެނޮއީ ބުނީ، ފާއިތުވި ހަ މަސްދުވަސް އެ ގައުމުން ހޭދަކުރީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ވޯލްޑް ކަޕަށް މިއައީ ކުރިމަތިވެދާނެ އެންމެ ދަތި ހާލަތުގެ ތެރެއިން. ގިނަ ޓީމުތަކުން އަޅުގަނޑުމެންނާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ކެންސަލްކުރި. މި މުބާރާތުގައި ދެ މެޗު ކުޅުނުއިރު، މެޗުގެ ކުރިން ފަރިތަކުރުންތަކަށް އަޅުގަނޑުމެންނަށް ލިބުނީ 16ގަޑިއިރަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއް"

ކޯޗު ބުންޏެވެ.

މުބާރާތް ފެށުނު ފަހުން ވެސް އީރާނަށް ދަނީ ދަތުރުފަތުރުގެ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. މެކްސިކޯގައި ކޭމްޕުކޮށްގެން ތިބި އީރާން ޓީމަށް އެމެރިކާގެ ވިސާ އުސޫލުތައް ހުރި ގޮތުން، މެޗު ކުޅެން އެމެރިކާއަށް ދާން ޖެހެނީ މެޗުގެ އެއްދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެނބުރި މެކްސިކޯއަށް ދާން ޖެހެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާން ނުކުންނައިރު، އެ މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ. ގަލެނޮއީ ބުނީ މިސްރު މެޗުގެ ކުރިން ސިއެޓްލްއަށް ދެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ބުރަށް ނުދެވުނު ނަމަވެސް، މިހާރުވެސް ކުޅުންތެރިން ހޯދާފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު