މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރަށް ނުގޮސް އީރާން ކެޓުމުން، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ލަވަކިޔައި ނެށި ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކްރެޓަރީ މާކްވޭން މަލިން ވިދާޅުވެއްޖެއެވެ.
އީރާން މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގެ ތެރޭގައި ހިމެނޭނެ ފުރުސަތު އެ ގައުމަށް ނުލިބުމުންނެވެ.
އެމެރިކާގެ ސިޔާސީވެރިންގެ ހިތްތަކުގައި އީރާނާ މެދު އޮންނަ ނަފުރަތު ހާމަކުރަން މަލިން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ނަމަވެސް، މަސްރަހު ފިނިވެފައެއް ނުވެއެވެ. މި ސަބަބަށް ޓަކައި، އީރާނުގެ ހުރިހާ މެޗެއް އެމެރިކާގެ ފަސްގަނޑުގައި ކުޅުނު ނަމަވެސް، އެމެރިކާ ސަރުކާރުން އެ ގައުމުގެ ޓީމަށް ފުރިހަމަ ވިސާއެއް ދޭން ބޭނުމެއް ނުވިއެވެ. އެހެންކަމުން އީރާން ޓީމަށް ކޭމްޕް ކުރަން ޖެހުނީ މެކްސިކޯއާއި އެމެރިކާ ގުޅޭ ބޯޑަރުގެ މެކްސިކޯ ފަޅީގައެވެ. އެމީހުން އެމެރިކާއަށް ދަތުރުކުރީ ހަމައެކަނި މެޗުތައް ކުޅުމަށެވެ.
ވޯލްޑް ކަޕްގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ބްރީފިންއެއްގައި ވާހަކަދައްކަވަމުން މަލިން ވިދާޅުވީ، އީރާން މުބާރާތުން ވަކިވާން ޖެހުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.
"އެ މީހުންގެ ކަންތައް ނިމި އެނބުރި ނާންނާނެތީ ހަމަ އުފާވަނީ. އެ މީހުންގެ ވިސާ ކެންސަލްކޮށް އެމެރިކާގެ ފަސްގަނޑުން ފުރައިގެން ދާން އެންގުނު ވަގުތު އަހަރެން ވަރަށް އުފާވި. އަދި އަހަރެން ލަވައެއް ކިޔައި ނަށައި ވެސް ލިން ކަން ނޭނގެ" މަލިން ވިދާޅުވިއެވެ.
މީގެ އިތުރުން މަލިން ވަނީ އީރާނުގެ ވޯލްޑް ކަޕް ސްކޮޑާ ގުޅޭގޮތުން ބޮޑު ތުހުމަތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ސްކޮޑުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އެ ގައުމުގެ އެންމެ އިސް އަސްކަރީ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)އާ ސީދާ ގުޅުން އޮތް މީހުންނެވެ. ނަމަވެސް، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިއީ އެއްވެސް ހެއްކެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.