ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗަށް ފަހު، އީރާން ޓީމުން ބޭނުންކުރި ލޮސް އެންޖަލިސް ސްޓޭޑިއަމްގެ ލޮކަރ ރޫމްގައި ޝުކުރުގެ ހާއްސަ މެސެޖެއް ދޫކޮށްލައިފިއެވެ.
މި މެސެޖުގައި އެޓީމުން ވަނީ ލޮސް އެންޖަލިސްއިން އެ ގައުމުގެ ޓީމަށް ބެހެއްޓި ގާތްކަމާއި އަދާކުރި ހޫނު މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އީރާނުން ދޫކޮށްލި މެސެޖުގައި ބުނެފައި ވަނީ، އެޓީމުން ލޮސް އެންޖަލިސްއަށް އައީ ފަހުރުވެރިކަމާއެކު ކަމަށާއި، އަދި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނީ ޝަރަފްވެރިކަމާއެކު ކަމަށެވެ. އަދި އެނބުރި ގައުމަށް ދަނީ އުފާވެރިކަމާ އެކު ހިނިތުންވެ ތިބެގެން ކަމަށްވެސް އެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެ ދަނޑުގައި ކުޅުނު ދެ މެޗުގެ 180މިނެޓުގައި ވެސް ހިތުން ރުހުމުން އެޓީމަށް ސަޕޯޓްކުރި ހުރިހާ ފަރާތްތަކަށް ވެސް އީރާނުން ވަނީ ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީރާންގެ ކޯޗު ވިދާޅުވީ، ދެވަނަ މެޗަށް އެ ގައުމަށް އައުމުގެ ހުއްދަ ލިބުން ލަސްވި ނަމަވެސް، ލޮސް އެންޖަލިސްއަށް ދިއުމާ އެކު އެގައުމުގެ އިމިގްރޭޝަނުން ހުރިހާ ކަމެއް ވަރަށް ލުއިފަސޭހަކޮށްދީފައިވާ ކަމަށެވެ. މިއީ އެޓީމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއްވިއެވެ.
ލޮކަރ ރޫމްގައި ބޭއްވި މި މެސެޖު އީރާން ޓީމުން ނިންމާލާފައި ވަނީ މުޅި ދުނިޔެއަށް މުހިންމު މެސެޖަކުންނެވެ. އެގޮތުން ހުރިހާ ގައުމުތަކެއްގެ މެދުގައި ސުލްހަ މަސަލަސްކަމާއި، އިހްތިރާމްގެ އިތުރުން އެކުވެރިކަން އާލާވެގެންދިއުމަށް އެދެމުން އީރާނުން ވަނީ އެ މެސެޖު ނިންމާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.