ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފެން ބްރޭކްތަކަކީ ބަލި ޓީމުތަކަށް ލިބޭ އެހީއެއް :ސުކަލޯނީ

ޝެއާ ކުރޭ Facebook Telegram Viber X

ހޫނުގަދަ މޫސުމާއި ފެން ބުއިމަށް މެޗު މެދުކަނޑާލުމަކީ ވޯލްޑް ކަޕްގައި ކުދި ޓީމުތަކަށް އެހީތެރިވެދޭ ކަމެއް ކަމަށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސުކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއިން ތަށި ދިފާއުކުރުމުގެ ދަތުރު ފެށީ އަލްޖީރިއާ އަތުން 3-0 އިން މޮޅުވި މެޗުގައި ލިއޮނަލް މެސީ ހެދި ހެޓްރިކާއެކުގައެވެ.

ހޯމަ ދުވަހު ޓެކްސަސްގައި އޮސްޓްރިއާއާ ދެކޮޅަށް އެ ޓީމު ނުކުންނައިރު ނޮކްއައުޓް ބުރުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، މިއީ ފަސޭހަ މެޗަކަށް ވާނެ ކަމަށް އުންމީދުކުރާ އާޖެންޓީނާގެ ސަޕޯޓަރުންނަށް ސުކަލޯނީ ވަނީ އިންޒާރެއް ދީފައެވެ.

"މި ވޯލްޑް ކަޕުން އަހަރެމެންނަށް މި ފެންނަނީ ފަސޭހަ މެޗެއް ކިޔާ އެއްޗެއް ނޯންނަކަން،" 2022 ވަނަ އަހަރު ގަތަރުގައި އާޖެންޓީނާއަށް ތަށި ހޯދައިދިން ސުކަލޯނީ ބުންޏެވެ.

"ގްރޫޕް ސްޓޭޖަކީ އަބަދުވެސް އެންމެންނަށްވެސް އުނދަގޫ ބުރެއް. އަދި މޫސުމީ ހާލަތާއި، ހޫނުގަދަވުމާއި މެޗުތައް ތަކުރާރުކޮށް މެދުކަނޑާލަން ޖެހުން ވެސް މީގެ ތެރޭގައި ހިމެނޭ.

"އެހެންވީމާ އޭގެ މާނައަކީ، ތިއަރީ ގޮތުން ބަލާއިރު ބަލިކަށި ޓީމަށް އޭގެއިން އެހީތެރިކަން ލިބިދާނެއޭ، ސަބަބަކީ ވަރުބަލި ފިލުވާލަން އެމީހުންނަށް ވަގުތު ލިބޭތީ."

ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އަތުން 2-1އިން ބަލިވެ އާޖެންޓީނާ ސިއްސުވާލި ނަމަވެސް، ފަހުން އެ ޓީމުން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

މިއީ 48 ޓީމާއެކު ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. އަދި މިފަހަރު ކޮންމެ ހާފެއްގައި ތިން މިނެޓުގެ މެދުކަނޑާލުމެއް (ޑްރިންކްސް ބްރޭކް) އޮވެއެވެ.

ސުކަލޯނީ ބުނީ މީގެ ސަބަބުން މެޗުތައް ހަގީގަތުގައި "ހަތަރު ކުއާޓަރަށް" ބެހިގެންދާ ކަމަށެވެ.

ހޯމަ ދުވަހު ޑެލަސް ކައުބޯއީސްގެ ދަނޑުގައި ކުޅޭ މެޗަކީ ފުރާޅު އަޅާފައިވާ ދަނޑަކަށް ވާތީ، ހޫނުމިނުގެ އަސަރެއް އެ ދަނޑަކު ނުހުންނާނެއެވެ.

ނަމަވެސް، ފެން ބުއިމުގެ މެދުކަނޑާލުންތައް އޮންނާނެއެވެ.

މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ވެސް ވަނީ އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް 2022ވަނަ އަހަރަށް ވުރެ ވާދަވެރިކަން ބޮޑު ކަމަށް އެއްބަސްވެފައެވެ.

"އަހަރެން ގަބޫލުކުރަނީ ކުޅުން ދަނީ އެއްވަރަކަށް ކައިރިވަމުން ކަމަށް،" ޗެލްސީގެ ތަރި ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު