ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މިސްރުން ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ މޮޅު ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑާއެކު، އާދީއްތަ ދުވަހުގެ ރޭ ނިއުޒީލެންޑް އަތުން 3-1އިން މޮޅުވެ، މިސްރުން ވޯލްޑް ކަޕްގެ ތާރީޚުގައި އެގައުމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މޮޅާއެކު މިސްރު ގްރޫޕް ޖީ ގެ އެއްވަނައަށް ޖެހިލި ނަމަވެސް، ނޮކްއައުޓް ބުރުގެ ޖާގައެއް އަދި ކަށަވަރެއް ނުވެއެވެ. މިސްރުން ހުކުރު ދުވަހު ސިއެޓްލްގައި އީރާނާ ދެކޮޅަށް ނިންމާ މެޗު ކުޅޭއިރު، ދެވަނަ ބުރަށް ދިއުމަށް އެޓީމަށް މަދުވެގެން އެއްވަރުވާން ޖެހެއެވެ.

މިއީ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި މުބާރާތުން ފުރުސަތު ނުލިބުމަށް ފަހު، މިސްރު ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ސަލާހް ވަނީ ދެ ލަނޑު ޖަހާފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އިންސްޓަގްރާމްގެ މަޝްހޫރު ތަރި ޓިމް ޕޭން ނަގައިދިން ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ފިން ސުރުމަން ވަނީ ނިއުޒީލެންޑަށް ކުރިހޯދައިދީފައެވެ. މިއީ އެމްއެލްއެސްގެ ޕޯޓްލޭންޑް ޓިމްބާސްއަށް ކުޅޭ 6 ފޫޓު 3 އިންޗީގެ ޑިފެންޑަރުގެ ބައިނަލްއަގުވާމީ ތިންވަނަ ލަނޑެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އުމަރު މާމޫޝް ހިލޭ ޖެހުމަކުން ސަލާހަށް ދިން ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދާގަނޑުގައި ޖެހިފައި ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން މިސްރުން ޕްރެޝަރު ބޮޑުކުރިއިރު، މެޗުގެ 58 ވަނަ މިނެޓުގައި މުސްތަފާ ޒީކޯ ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. ސުރުމަންއާއި ޕޭންގެ ދެމެދުން ލިބުނު ޖާގައެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ހުއްޓުވަން ކީޕަރު މެކްސް ކްރޮކޮމްބޭ އަތްލީ ނަމަވެސް އެ ބޯޅަ ގޯލަށް ވަނުން ހުއްޓުވޭގޮތެއް ނުވިއެވެ. ޒީކޯ ލަނޑު އުފާފާޅުކުރީ ސަޕޯޓަރުންނަށް އިޝާރާތްކޮށް އަޑުގަދަކުރުމަށް އެދެމުންނެވެ.

ސަލާހް ލަނޑު ޖެހީ ޒީކޯ ފުންނާބުން ދިން ޕާހަކުންނެވެ. މި ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކޯޗު ހުސާމް ހަސަންގެ ރެކޯޑާ ހަމަކުރުމާ އެއް ލަނޑަށް ގާތްވެފައެވެ. މިސްރުގެ ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޑައިވްކޮށްފައި ބޮލުން ޖެހި ލަނޑުން ކާމިޔާބުކޮށްދިނީ ޓްރެޒެގޭއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ބޯޅައާ ދުރުގައި ހުއްޓާ ލިބުނު އަނިޔާއަކާ ގުޅިގެން މިސްރުގެ ހަމްދީ ފަތުހީ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ރާމީ ރާބިއާއެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އިމާމް އަޝޫރު މިސްރަށް ކުރިހޯދައިދިން ނަމަވެސް، ރޮމެލޫ ލުކާކޫ ކުޅެން އަރައި އޭރިއާ ތެރޭގައި އުފެއްދި ހަލަބޮލިކަމުގެ ތެރެއިން ބައިކޮޅަށް ވަން ލަނޑަކުން މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ނިއުޒީލެންޑުން ގްރޫޕްގެ ފުރަތަމަ މެޗުގައި އީރާނާ ދެކޮޅަށް ދެ ފަހަރު ކުރިހޯދި ނަމަވެސް، މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އޯލް ވައިޓްސް ގެ ދެ ލަނޑުވެސް ޖަހައިދިނީ އެލީޖާ ޖަސްޓްއެވެ.

ނިއުޒީލެންޑުން މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެ މުބާރާތުގައި ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު