ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު 6-0ފަދަ ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރި ނަމަވެސް، އެކަމުން ވާނެ މާބޮޑު ފައިދާއެއް ނެތް ކަމަށް ސްޕޭނުގެ ޒުވާން ފޯވަޑް ލަމީން ޔަމާލް ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކުރަސާއޯއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޓީމަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ޖަވާބު ދެމުންނެވެ.
މީޑިއާތަކާ ވާހަކަދައްކަމުން ޔަމާލް ބުނީ، ފުރަތަމަ މެޗު ތަފާތު ބޮޑުކޮށް ނުވަތަ ކުޑަ ނަތީޖާއަކުން ކާމިޔާބު ކުރި ނަމަވެސް އެއީ މުބާރާތް ކާމިޔާބު ކުރަން މާބޮޑު ބާރަކަށް ނުވާނެ ކަމަށެވެ. މުބާރާތުގެ ތަށި ހޯދަން ބޭނުންނަމަ ނޮކްއައުޓް ބުރުގެ މެޗުތައް ކާމިޔާބު ކުރަން ޖެހޭނެކަން އޭނާ ފާހަގަކުރިއެވެ. އަދި ފުރަތަމަ މެޗު އެއްވަރުވުމުން ފާޑުކިއުންތައް އަމާޒުވި ނަމަވެސް، އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ނަޒަރުގައި ފުރަތަމަ މެޗު 6-0އިން ނުވަތަ މިއަށް ވުރެ ތަފާތު ބޮޑުކޮށް ނުވަތަ ކުޑަކޮށް ކާމިޔާބު ކުރި ނަމަވެސް ވާނެ އެއްވެސް ކަމެއް ނެތް. ސަބަބަކީ މުބާރާތް ކާމިޔާބު ކުރާނަމަ ނޮކްއައުޓް މެޗުތައް ކާމިޔާބު ކުރަން ޖެހޭނެތީވެ" ޔަމާލް ބުންޏެވެ.
މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޭންގެ ކޯޗު ލުއިސް ޑެލަފުއެންޓޭއަށް އެންމެ ބޮޑަށް އަމާޒުވީ ޔަމާލްގެ ފިޓްނަސްއާ ގުޅޭ ސުވާލުތަކެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ކޯޗު ބުނީ ޔަމާލަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ނަމަވެސް، އޭނާ ފުރަތަމަ 11ގައި ކުޅުވާނެކަން ނުވަތަ ނޫންކަން އަދި ނުނިންމާ ކަމަށެވެ.
ސްޕޭނަށް 2024ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ކޯޗު ޑެލަފުއެންޓޭ ބުނީ، ފުރަތަމަ މެޗުން އެއްވަރުވުމުން ކުރިމަތިވި ފާޑުކިއުންތައް ބަލައިގަންނަނީ ޕޮޒިޓިވްކޮށް ކަމަށެވެ. ސްޕޭން ކުޅޭ ސްޓައިލްގެ ސަބަބުން އިދިކޮޅު ޓީމުތަކުން ވަރަށް ބޮޑަށް ދިފާއީ ކުޅުމެއް ކުޅޭކަން ފާހަގަކޮށް، ކޯޗު ބުނީ ކުރިއަށް އޮތް މެޗުގައިވެސް އިދިކޮޅު ޓީމުގެ ފަރާތުން ފެންނާނީ އެފަދަ ދިފާއީ ކުޅުމެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުން ސްޕޭން އެއްވަރުވިއިރު، އެ ގްރޫޕުގައި ހިމެނޭ ސައޫދީ އަރަބިއާ ކުޅުނު ފުރަތަމަ މެޗުގައި އުރުގުއޭއާ ވާދަކޮށް އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.