ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ރަފީނިއާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން ފަށާފައިވާ ކަމަށާއި، ވޯލްޑް ކަޕްގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާ ފެނުމުގެ އުންމީދު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކޮށްފިއެވެ.
އުމުރުން 29އަހަރުގެ ބާސެލޯނާގެ ކުޅުންތެރިޔާ އަށް މި އަނިޔާވީ ފިލަޑެލްފިއާގައި ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ހައިޓީ އަތުން 3-0އިން ބްރެޒިލް މޮޅުވި އެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ރަފީނިއާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ތަދެއް އިހުސާސްވުމާ ގުޅިގެން، މެޑިކަލް ޓީމުގެ އެހީތެރިކަމާއެކު އޭނާ ވަނީ ދަނޑުން ބާލާފައެވެ. އޭގެ ފަހުން ހެދި ޓެސްޓުތަކުން އޭނާގެ ފަޔަށް އަނިޔާވެފައިވާކަން ކަށަވަރުވި ނަމަވެސް، މިއީ މުބާރާތުން ވަކިވާންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ބްރެޒިލްގެ ފެޑެރޭޝަނުން ބުނެއެވެ.
ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ބުނި ގޮތުގައި ރަފީނިއާގެ ފަރުވާގެ ކަންކަން ވަރަށް ބާރު ދުވެލީގައި ރޭވުންތެރިކަމާ އެކު ދަނީ ކުރިއަށެވެ. އަދި އަމާޒަކީ ވީހާ ވެސް އަވަހަކަށް އޭނާ އަލުން ފަރިތަކުރުންތަކަށް ނެރެ، މުބާރާތުގެ ބާކީ ބައިގައި ކުޅުވުމެވެ. މުބާރާތް ފެށުމުގެ ކުރިން ބްރެޒިލްގެ ޑިފެންޑަރު ވެސްލީއަށް އަނިޔާވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ރަފީނިއާގެ ހާލަތު މާ ރަނގަޅެވެ.
މި މުބާރާތުގެ ގްރޫޕް ސީ ގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ބްރެޒިލް މިވަގުތު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލް ކުރިހޯދަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ފްލޮރިޑާގައި ބްރެޒިލް ނިކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.