ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫރަޕްގެ އެންމެ މޮޅު ކީޕަރު ބެންޗުގައި އިންނަން ޖެހެނީ ކީއްވެ؟

ޝެއާ ކުރޭ Facebook Telegram Viber X

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އޮތީ އެންމެ ވަރުގަދަ އެއް ސްކޮޑާއެކު ކަމަށް ވެދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ވަކި އެއް މަގާމަކާ މެދު ކުރެވޭ ބަހުސްތަކަށް ހުއްޓުމެއް ނާދެއެވެ. ދުނިޔޭގެ ފެންވަރުގެ ދެ ގޯލްކީޕަރުން ކަމަށްވާ ޑޭވިޑް ރާޔާއާއި ޔޮއާން ގާސިއާ ސްކޮޑުގައި ތިބި ނަމަވެސް، ހެޑް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ސާބިތުކަމާއެކު ހުރީ އުނާއި ސިމޮންއާ އެކުގައެވެ. އެތުލެޓިކް ކްލަބުގެ ކީޕަރާ ދެކޮޅަށް ހުރި ތަފާސްހިސާބުތަކަށް ނޫނެކޭ ބުނެވެން ނެތް ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މިކަމަށް ބަދަލެއް އަންނާނެ ކަމަށް އުންމީދެއް ނުކުރެވެއެވެ.

ރާޔާއާއި ގާސިއާ ދެ ކީޕަރުން ވެސް ސިމޮންގެ ފަހަތުން ލައިނަޕުން ޖާގަ ހޯދަން ޖެހުމުން، އާސެނަލްއާއި ބާސެލޯނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އެއްގަލަކަށް އަރައި ހައިރާންކަން ފާޅުކުރަމުންނެވެ. ކްލަބް ފެންވަރުގައި އެ ދެ ކީޕަރުން ދެއްކި މޮޅު ކުޅުމަށް ގައުމީ ޓީމުގެ ކޯޗު ޑެ ލަ ފުއެންޓޭ ވަނީ ފުރަގަސްދީފައެވެ.

މުބާރާތުގެ ކުރިން ދެކެވުނު ގިނަ ވާހަކަތަކަށް ފަ ހުވެސް، ކޯޗު ވަނީ އެ އަޑުތަކަށް ބީރު ކަންފަތެއް ދީ، އޭނާ އެންމެ އިތުބާރުކުރާ ނަންބަރު 1 ކީޕަރަށް އަނެއްކާ ވެސް ފުރުސަތު ދީފައެވެ. އޭނާ ވަނީ ގްރޫޕް އެޗްގައި ކޭޕް ވާޑޭއާ ދެކޮޅަށް ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓި މެޗުތަކުގެ (ކްލީން ޝީޓްސް) ތަފާސްހިސާބުތަކަށް ބަލާއިރު، ރާޔާއަކީ ހަމައެކަނި އިނގިރޭސި ފުޓްބޯޅައިގެ އެންމެ މޮޅު ކީޕަރެއް ނޫނެވެ. އޭނާއަކީ މުޅި ޔޫރަޕްގައި ވެސް އެންމެ މޮޅު ކީޕަރެވެ. އުމުރުން 30 އަހަރުގެ ކީޕަރު ވަނީ 2025-26 ސީޒަނުގެ ނިޔަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ގޯލްޑަން ގްލަވް ހޯދާފައެވެ. އޭނާ ވަނީ 19 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ސީޒަނެވެ. އަދި މިއީ އާސެނަލްއިން ލީގު ތަށި ހޯދުމަށް ކުރި ދިގު އިންތިޒާރަށް ނިމުން ގެނައުމަށް އެހީތެރިވެދިން މުހިންމު ސަބަބެކެވެ.

އާސެނަލްއަށް އޭނާއާ ނުލައި މި ކާމިޔާބީއެއް ނުހޯދުނީހެވެ. މުހިންމު ވަގުތުތަކުގައި ހަމަލާތައް ދިފާއުކުރުމުގައި އޭނާއާ އަޅާކިޔޭނެ ދެވަނަ އެއްވެސް ކީޕަރެއް ނެތެވެ. އޭނާ ދެއްކި މޮޅު ކުޅުމުގެ ތެރޭގައި، މެންޗެސްޓަރ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވި މެޗުގައި އިނގިލީގެ ކުރިން ބޯޅަ ބޭރުކޮށްލި ދިފާއުކުރުމާއި، ބްރައިޓަން އަތުން ހަނި ތަފާތަކުން މޮޅުވި މެޗުގައި ވައިގެ ތެރޭގައި އޮވެ ކުރި ސޭވްއާއި، ޗެލްސީ ބަލިކުރި މެޗުގައި ކުރި ދެ ސޭވްގެ އިތުރުން، ވެސްޓް ހޭމް އަތުން ހޯދި ބޮޑު މޮޅުގައި މަތެއުސް ފެނާންޑޭޒްގެ ހަމަލާ ހައިރާންކުރުވަނިވި ގޮތަކަށް ދިފާއުކުރި ކުރުން ހިމެނެއެވެ.

37 މެޗުން 19 ކްލީން ޝީޓް ހޯދައި، ބައިކޮޅަށް އެންމެ 26 ލަނޑު ވަންނަން ދޫކޮށްލި ރާޔާގެ ތަފާސްހިސާބުތަކާ އެކު އޭނާ ވަނީ ގައުމީ ޓީމުގެ ބައިވެރިޔާ ޔޮއާން ގާސިއާ (15) ފަހަތަށް ޖައްސާލުމަށް ފަހު ޔޫރަޕިއަން ގޯލްޑަން ގްލަވް ހޯދާފައެވެ. އަދި އޭނާ މިހާރު ހިމެނެނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ކްލީން ޝީޓް ހޯދި 10 ކީޕަރުންގެ ތެރޭގައެވެ. އޭނާގެ މި މޮޅު ކުޅުން ޗެމްޕިއަންސް ލީގުގައިވެސް ފެނިގެންދިޔައެވެ. އެގޮތުން އާސެނަލް ފައިނަލަށް ދިޔަ ދަތުރުގައި ކުޅުނު 14 މެޗުގެ ތެރެއިން 9 މެޗުގައި އޭނާ ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.

ނަމަވެސް، ހައިރާންވާންޖެހޭ ކަމަކީ، މި ހުރިހާ މޮޅު ކުޅުމަކާ އެކު ވެސް ރާޔާއަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުވެފައި ނުވުމެވެ. ކޯޗު ޑެ ލަ ފުއެންޓޭ އަދިވެސް އިސްކަންދެނީ ސިމޮންއަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެތުލެޓިކް ކްލަބުގެ ކީޕަރަކީ ސްކޮޑުގައި ހިމެނޭ ދެވަނައަށް ވެސް އެންމެ މޮޅު ކީޕަރެއް ނޫނެވެ.

ސްޕެއިންގައި، ފުރަތަމަ އިޚްތިޔާރަކަށް ވާންވީ ކާކުތޯ ކުރެވޭ ބަހުސް ބޮޑަށް އަމާޒުވަނީ ބާސެލޯނާގައި މޮޅު ފުރަތަމަ ސީޒަނެއް ހޭދަކުރި ގާސިއާއަށެވެ. ވިސްނުން ހުރި ގޮތުން ނަމަ، ރާޔާ ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް، އޭނާ އިނގިރޭސިވިލާތުގައި ކުޅޭތީ ގައުމީ ޓީމުގެ ސަމާލުކަމުން އޭނާ ވަނީ ކޮންމެވެސް ވަރަކަށް ދުރުވެފައެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާޔާ ބުނެފައިވަނީ، އޭނާއަށް ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނު ދުވަސްވަރު "ބައެއް ފަހަރު އޭނާއަކީ ކާކުތޯ މީހުން އަހާ" ކަމަށެވެ.

ވޯލްޑް ކަޕްގެ ކުރިން ޑެ ލަ ފުއެންޓޭ ވަނީ މިކަން ގަބޫލުކޮށް، މީޑިއާތަކަށް ބުނެފައެވެ: "އަހަރެމެންގެ އެބަހުރި ޑޭވިޑް ރާޔާ، އޭނާއާ ބެހޭ ގޮތުން ތިޔަބޭފުޅުން އަހަރެން ގާތު ސުވާލުކުރާނެ ކަމަށް އުންމީދުކުރަން. އިނގިރޭސިވިލާތުގައި އެމީހުން ގަބޫލުކުރަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށް، އެކަމަކު މިތާ އެކަކު ވެސް އޭނާގެ ވާހަކައެއް ނުދައްކާ." ނަމަވެސް، ސްޕެއިންގެ ކޯޗު އަމިއްލައަށް ވެސް އެ ތައުރީފުތަކަށް މާބޮޑު ސަމާލުކަމެއް ދީފައިވާހެނެއް ހިއެއް ނުވެއެވެ.

މާ ދުރު ނޫން މާޒީއެއްގައި ރާޔާ ވަނީ ސްޕެއިންގެ ނަންބަރު 1 ކީޕަރުގެ ގޮތުގައި ކުޅެފައެވެ. ނަމަވެސް އެ ދުވަސްވަރު ކުރުވީ، ޑެ ލަ ފުއެންޓޭ އަވަސް އަވަހަށް އޭނާގެ ފުރަތަމަ އިޚްތިޔާރަށް ރުޖޫއަވުމުންނެވެ. އެ ފުރުސަތު ރާޔާއަށް ލިބުނީ 2024-25 ސީޒަނުގެ ފުރަތަމަ ބައިގައި ސިމޮންގެ އަތްތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.

އާސެނަލްގެ ކީޕަރު ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ، ތިން ކްލީން ޝީޓް ހޯދާފައެވެ. ނަމަވެސް 2025 ގެ ކުރީކޮޅު ސިމޮން ފިޓްވުމާ އެކު، ރާޔާ އަނެއްކާ ވެސް ބެންޗަށް ދާން ޖެހުނެވެ. ގައުމީ ޓީމު ޖަރުމަނަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ނޭޝަންސް ލީގުގެ ފައިނަލް މެޗުތަކުގައި ވެސް އޭނާ އިނީ ބެންޗުގައެވެ.

އޭގެ ފަހުން ރާޔާއަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މާޗް މަހު މިސްރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އަދި ވޯލްޑް ކަޕްގެ ކުރިން ޕެރޫއާ ދެކޮޅަށް ކުޅުނު ވާމްއަޕް މެޗުގައި އޭނާ 45 މިނެޓު ކުޅުނެވެ. ނަމަވެސް މިއީ މުބާރާތުގައި އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމުގެ ނިޝާނަކަށް ނުވިއެވެ. ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުނު މެޗު ބެންޗުގައި އިނދެގެން ބަލަން އޭނާއަށް މަޖުބޫރުވިއެވެ.

އެހެންވީމާ، ކްލަބް ފެންވަރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރުވެސް، ރާޔާ އަކީ ސްޕެއިންގެ ނަންބަރު 1 ކީޕަރަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ޖަވާބު ގުޅިފައިވަނީ އުނދަގޫ ތަފާސްހިސާބުތަކަކަށް ނުވަތަ ޓެކްޓިކްސްއަކަށް ނޫނެވެ. މިއީ ހަމައެކަނި ވަފާތެރިކަމާ ގުޅިފައިވާ ކަމެކެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ލުއިސް އެންރީކޭގެ ބަދަލުގައި ޑެ ލަ ފުއެންޓޭ ސްޕެއިންގެ ކޯޗުކަމާ ހަވާލުވި ފަހުން ސިމޮންއަކީ އޭނާގެ ފުރަތަމަ އިޚްތިޔާރެވެ. އަދި ޔޫރޯ 2024 ކާމިޔާބުކުރުމަށް އެހީތެރިވެދިން ކީޕަރު ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް، އެހެން ކީޕަރުން ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް، ކޯޗަށް ނުފެނެއެވެ.

"އުނާއިގެ ފެންވަރާއި، ކެރިއަރާއި، އަދި ޕްރޮފެޝަނަލް ތަޖުރިބާއަށް އަހަރެމެން ގަދަރު ނުކުރާނަމަ އެއީ ބޭއިންސާފެއް،" މުބާރާތުގެ ކުރިން ސިމޮން ޓީމަށް ނެގުމާ ބެހޭގޮތުން ސުވާލުކުރުމުން ކޯޗު ބުންޏެވެ. "އޭނާއަކީ އުނާއި ސިމޮންއަށް ވީތީ، އަހަރެން މިތަނަށް އައިސް އެކަން ތަކުރާރުކޮށް ސާބިތުކޮށްދޭން ޖެހުމަކީ ބުއްދިވެރި ކަމެއް ނޫން. ކީޕަރަކު މި ފެންވަރުގައި ހުންނައިރު، އޭނާގެ މަގާމަށާއި ކެރިއަރަށް ގަދަރުކުރަންޖެހޭނެ."

"އުނާއި ސިމޮންއާ މެދު ބަހުސެއް ނެތް. އެހެން ކީޕަރުންގެ ކިބައިގައި ވެސް ހުނަރާއި ފެންވަރު އެބަހުރި، އެކަމަކު ކޮންމެ ކަމެއް ވެސް ވާނީ އެކަމެއްގެ ވަގުތުގައި."

ނަމަވެސް، އާސެނަލްއާއި ބާސެލޯނާގެ ސަޕޯޓަރުން ސުވާލު އުފައްދާނީ މިއީ ކޯޗުގެ ކަނު ވަފާތެރިކަމެއް ބާވައެވެ. ކުރިން ވެސް ފާހަގަކުރި ފަދައިން، ތަފާސްހިސާބުތަކަށް ބަލާއިރު ޑެ ލަ ފުއެންޓޭ ނެގި ތިން ކީޕަރުންގެ ތެރެއިން އެންމެ ބަލިކަށީ ސިމޮންއެވެ.

އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ސުވާލު އުފެދޭ ސަބަބު ދެނެގަތުމަށް ޓަކައި، ނިމިދިޔަ ސީޒަނުގައި އެތުލެޓިކް ކްލަބުގެ ކީޕަރު ބައިކޮށްލި ލަނޑުތަކުގެ އަދަދަށް ބަލާލުން ފުދެއެވެ. އުމުރުން 29 އަހަރުގެ ކީޕަރު ވަނީ 2025-26 ސީޒަނުގައި 73 ލަނޑު ބައިކޮޅަށް ވަންނަން ދޫކޮށްލާފައެވެ. މިއީ ރާޔާ (31) އަށް ވުރެ ދެގުނައަށް ވުރެ ގިނަ އަދަދެކެވެ. އަދި ގާސިއާ (42) އަށްވުރެ މާ ގިނަ އަދަދެކެވެ. އަދި މުޅި ސީޒަނުގައި ކުޅުނު 46 މެޗުން އޭނާއަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓުނީ އެންމެ 8 މެޗުގައެވެ. މިއީ އެންމެ 17.4 އިންސައްތައެވެ.

ލަނޑުތައް ހުއްޓުވުމުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ސިމޮން އުޅެނީ -6.86 އާ އެކު މާ ފަހަތުގައެވެ. މި ދާއިރާއިން އެންމެ ކުރީގައި އުޅެނީ 9.7 އާއެކު ގާސިއާއެވެ. ރާޔާ އުޅެނީ 4.39 ގައެވެ. ކުރިން ގަބޫލުކުރެވުނު ގޮތުގައި ސިމޮންއަކީ ފަހަތުން ފަށައިގެން ކުޅުމުގައި (ޕާސިން) މޮޅު ކީޕަރެކެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އޭނާގެ ޕާސިން އެކިއުރެސީއަކީ 58 އިންސައްތައެވެ. މިއީ އަނެއް ދެ ކީޕަރުންނަށް ވުރެ (ރާޔާ 65 އިންސައްތަ އަދި ގާސިއާ 90 އިންސައްތަ) ދަށް އަދަދެކެވެ.

އޭނާއަށް ލިބޭ ފުރުސަތަށް އިންތިޒާރުކުރަން ޖެހުމަކީ މާޔޫސްވާނެ ކަމެއް ނަމަވެސް، ރާޔާ ވަނީ އަމިއްލަ އެދުމަށް ވުރެ ޓީމުގެ މަސްލަހަތު އިސްކޮށް، ވަރަށް ހަރުދަނާ ވާހަކަތަކެއް ދައްކާފައެވެ.

"އަހަރެން ގަބޫލުކުރަނީ ކޮންމެ ކުޅުންތެރިއަކު ކުޅުނަސް ސްޕެއިން އޮތީ ރައްކާތެރި އަތްތަކެއްގެ ތެރޭގައި ކަމަށް،" ފުރަތަމަ މެޗުގެ ކުރިން ޗަޓަނޫގާގައި ހުންނަ ސްޕެއިންގެ ޓްރެއިނިން ބޭހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ. "އުނާއި ކުޅެން ފެށި ފަހުން އޭނާ އަންނަނީ ވަރަށް މަތީ ފެންވަރެއްގައި ކުޅެމުން. އަހަރެމެން އޭނާއާ އެކު ނޭޝަންސް ލީގާއި ޔޫރޯ ކާމިޔާބުކުރިން. އޭނާއަކީ އަހަރެމެންނަށް މި ތަށިތައް ހޯދައިދިން މޮޅު ކީޕަރެއް."

އޭނާ އިތުރަށް ބުންޏެވެ: "އަހަރެން ކްލަބުގައި މަސައްކަތް ކުރަނީ އަހަރެންގެ އެންމެ މޮޅު ކުޅުން ދައްކައި، ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ހޯދަން. އެއީ އެންމެ މުހިންމު ކަމަކީ. އަހަރެން މިހުރީ ވީހާ ވެސް ބޮޑަކަށް ޓީމަށް އެހީތެރިވެ، ދެވަނަ (ވޯލްޑް ކަޕް) ތަށި ހޯދުމަށް މަސައްކަތް ކުރަން."

އާސެނަލްގެ ސަޕޯޓަރުން އުންމީދުކުރާނީ އޭނާގެ ހުނަރު ދައްކާލުމުގެ ފުރުސަތު ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. "އެންމެ އުފާވެރި ޚަބަރަކީ [ކީޕަރުންނާ މެދު] އަހަރެންގެ އެއްވެސް ޝައްކެއް ނެތުން،" ވޯލްޑް ކަޕްގެ ކުރިން ޑެ ލަ ފުއެންޓޭ ބުންޏެވެ. މީގެއިން ދޭހަވަނީ އެހެން ކީޕަރަކު ކުޅެން ޖެހުނަސް މާބޮޑު ތަފާތެއް ނުވާނެ ކަމެވެ. "އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް. އެމީހުންގެ ކިބައިގައި ޚާއްސަ ކަމެއް އެބަހުރި."

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު