ވޯލްޑް ކަޕްގައި ލޮސް އެންޖެލިސްއާއި ސިއެޓްލްގައި ކުޅޭ މެޗުތަކަށް ދިއުމަށް އީރާން ޓީމަށް ދަތުރުފަތުރުގެ ކަންކަމުގައި ދީފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެމެރިކާއިން ލުޔެއް ނުދޭނެ ކަމަށާއި، އެކަމާ ގުޅިގެން ފީފާއަށް ޝަކުވާ ހުށަހަޅާނެ ކަމަށް އީރާނުން ބުނި ނަމަވެސް އެ ނިންމުން ބަދަލުނުކުރާނެކަން މުބާރާތް ބާއްވާ ގައުމުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދީފިއެވެ.
އެމެރިކާއިން އީރާން ޓީމުގެ ދަތުރުފަތުރުގެ ކަންކަން މުރާޖައާ ކުރަމުންދާނެ ކަމަށާއި، ނަމަވެސް މިވަގުތަށް ކުރިން ވެސް ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށް ވައިޓް ހައުސް ޓާސްކް ފޯސް ފޯ ދަ ޓޯނަމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ޖިއުލިއާނީ ހޮނިހިރު ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނެފައިވެއެވެ.
އީރާނުން ހިތްހަމަނުޖެހުން ފާޅުކުރަނީ މެޗުތައް ފެށުމުގެ 24 ގަޑިއިރު ކުރިން ނޫނީ މެޗު ކުޅޭ ސިޓީތަކަށް ދަތުރު ނުކުރެވޭ ގޮތަށް ހަދާފައިވާތީއާއި، ކޮންމެ މެޗަކަށް ފަހު ވަގުތުން މެކްސިކޯގެ ޓިހުއާނާގައި ހުންނަ އެމީހުންގެ ޓްރޭނިން ބޭހަށް އެނބުރި ދާންޖެހޭތީއެވެ. މިކަމާ ގުޅިގެން ކޯޗު އާމިރު ގަލެނޯއީ ބުނީ އޭނާގެ ޓީމަކީ "މުޅި ވޯލްޑް ކަޕްގައިވެސް އެންމެ ބޮޑަށް އަނިޔާލިބެމުންދާ ޓީމު" ކަމަށެވެ.
ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ ވޯލްޑް ކަޕް މެޗުގެ ފުރިހަމަ ވަގުތު ހަމަވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ ވަފުދު ވަނީ އެމެރިކާ ދޫކޮށް ގޮސްފައެވެ.
ގްރޫޕް ޖީގެ މި މެޗު ނިމުނީ އެ ގައުމުގެ ގަޑިން ރޭގަނޑު 8 ޖެހިއިރު (03:00 ޖީއެމްޓީ)އެވެ. އަދި އީރާން ޓީމު މަދު ގަޑިއިރުތަކެއްގެ ތެރޭގައި މެކްސިކޯގައި ހުންނަ އެމީހުންގެ ބޭސް ކޭމްޕަށް އެނބުރި ދިޔުމުން، ހޮޓަލުގައި އަރާމުކޮށްލަން އެންމެ ދުވަހެއްވެސް ނުލިބުމުން އެމެރިކާއިން ވިސާގެ ކަންކަން ބެލެހެއްޓި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ގަލެނޯއީ ބުނީ ފުރަތަމަ މެޗަށް ފަހު ކުޅުންތެރިންގެ ހަށިގަނޑު އާދައިގެ ހާލަތަކަށް ގެނައުމުގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަށް ޓަކައި ކެލިފޯނިއާގައި ރޭގަނޑު ހޭދަކުރަން ޓީމުން އުންމީދުކުރި ކަމަށެވެ.
ފުރަތަމަ މެޗަށް ފަހު އީރާނުގެ ވިންގާ މަހުދީ ތޮރާބީގެ އެންޓްރީ ވިސާގެ މުއްދަތު ހަމަވުމުން އެމެރިކާއަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް، ކުރިއަށް ހުރި މެޗުތަކަށް އެމެރިކާއަށް ދަތުރުކުރެވޭ ގޮތަށް އޭނާއަށް އާ މަލްޓިޕަލް-އެންޓްރީ ވިސާއެއް ލިބިފައިވާކަން ޓީމުގެ އޮފިޝަލުން އަންގާރަ ދުވަހުގެ މެންދުރުފަހު ވަނީ ކަށަވަރުކޮށްދީފައެވެ.
މިއަދު ބެލްޖިއަމްއާ ދެކޮޅަށް އީރާން ކުޅޭ މެޗުގައިވެސް އަމަލުކުރާނީ ހަމަ މި ދަތުރުފަތުރުގެ އުސޫލަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.