ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބްރެޒިލްގެ ކުޅުން އަދިވެސް ރަނގަޅު ކުރަންޖެހޭ ކަމަށް އެންޗެލޯޓީ ބުނެފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހައިޓީ އަތުން 3-0އިން ބްރެޒިލް މޮޅުވި މެޗުގައި، ކުރީގެ މެޗުތަކާ އަޅާބަލާއިރު ގޯސްތައް މަދުވެ ކުޅުން ރަނގަޅުވިކަން ފާހަގަކުރެވުނު ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

މި މޮޅާއެކު ހައިޓީ މުބާރާތުން ކަޓާފައިވާއިރު، އެންޗެލޯޓީ ވަނީ ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެ ޓީމުގެ ކުޅުން ވަރުގަދަކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ، މި މެޗުގައި ބްރެޒިލްގެ ކުޅުންތެރިން މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނު ނަމަވެސް، އަދިވެސް ކުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނޮކްއައުޓް ބުރަށް ދިއުމުގެ ކުރިން ގްރޫޕް ސްޓޭޖުގައި ލިބޭ މެޗުތަކުގެ ބޭނުން ހިފައިގެން ޓީމު ވަރުގަދަކުރުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ. އެންޗެލޯޓީގެ މިހާރުގެ އަމާޒަކީ ދެން އޮތް ސްކޮޓްލަންޑް މެޗަށް ރަނގަޅަށް ތައްޔާރުވެ، ގްރޫޕްގެ އެއްވަނަ ހޯދުމެވެ. އޭނާ ސިފަކުރި ގޮތުގައި ސްކޮޓްލަންޑަކީ ފަސޭހަ ޓީމަކަށް ނުވާނެއެވެ.

ބްރެޒިލް ޓީމުގެ އަނިޔާގެ މައުލޫމާތު ހިއްސާކުރަމުން ކޯޗު ބުނީ، އަނިޔާގައި ހުރި ތަރި ނޭމާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، މާދަމާ އަމިއްލައަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު ދެން އޮތް ޓީމު ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މި މެޗުގައި އަނިޔާވި ރަފީނިއާގެ އަނިޔާގެ ސީރިއަސް މިންވަރު އެނގޭނީ ހަދާ ޓެސްޓްތަކަށް ފަހުގައި ކަމަށް އެންޗެލޯޓީ ހާމަކުރިއެވެ.

ހައިޓީގެ ކޯޗު ސެބަސްޓިއަން މިގްނަރ ބުނީ، ބްރެޒިލް މެޗަށް އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި މެޗުގެ ފެށުން ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް މެޗުގެ މެދުތެރެއިން ދިން ހައިޑްރޭޝަން ބްރޭކަށް ފަހު މެދުތެރެއިން ކޮންމެވެސް ވަރަކަށް ދޫދެވުނު ކަމަށާއި، ބްރެޒިލް ފަދަ ވަރުގަދަ ޓީމަކަށް ލިބޭ ކުޑަ ފުރުސަތެއްގެ ބޭނުންވެސް އެޓީމުން ހިފާނެ ކަމަށެވެ. ބްރެޒިލުން ދެ ލަނޑު ޖެހުމާ އެކު މެޗުގެ ތެރެއަށް އެނބުރި އައުން އުނދަގޫވިކަން ފާހަގަކުރަމުން މިގްނަރ ބުނީ، މި ބައްޔާ އެކު ހައިޓީއަށް ގްރޫޕް މަރުހަލާ ފަހަނައަޅައި ދިއުމުގެ ފުރުސަތު މިހާރު ވަނީ މުޅިން ބަންދުވެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު