2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކަށް ލުޔެއް ދިނުމާ މެދު އެމެރިކާގެ ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާރު އޮތް އުސޫލުގެ ދަށުން، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގައި ކުޅޭ މެޗުތަކަށް އީރާން ޓީމަށް އެތެރެވޭނީ މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެ ޤައުމުން ފުރައިގެން ދާންޖެހެއެވެ.
މެކްސިކޯގައި ކޭމްޕްކޮށްގެން ތިބޭ އީރާން ޓީމަށް ކުރިމަތިވެފައިވާ މި ދަތިތަކާ ހެދި، އެ ޓީމުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅެ 2-2އިން އެއްވަރުވި މެޗަށްފަހު އޭނާ ބުނީ، އީރާނަކީ މުޅި މުބާރާތުގައިވެސް އެންމެ ބޮޑު "ނިކަމެތިކަމެއް"ތަހައްމަލު ކުރަންޖެހިފައިވާ ޓީމު ކަމަށެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ ކުޅުންތެރިންގެ ތައްޔާރުވުންތަކަށް ހުރަސް ނޭޅޭނެހެން، ކޮންމެ މެޗެއްގެ ދެ ދުވަސް ކުރިން އެމެރިކާއަށް ދިއުމުގެ ހުއްދަ އާއި، މެޗު ނިމޭ ދުވަހުގެ އަނެއް ދުވަހު އެނބުރިދިއުމުގެ ފުރުސަތު ހޯދާށެވެ.
ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، މި މަހުގެ 27ވަނަ ދުވަހު ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗަށް އީރާން ޓީމު ދަތުރުކުރުމުގައި ލުއިތަކެއް ދިނުމާ މެދު ވިސްނަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ލޮސް އެންޖެލިސްއަށް ކުރަންޖެހެނީ 30މިނެޓުގެ ކުރު ފްލައިޓެއް ކަމަށްވިޔަސް، ސިއެޓްލްއަށް ކުރަންޖެހެނީ ތިން ގަޑިއިރުގެ ދިގު ދަތުރެކެވެ. އެހެންކަމުން އެ މެޗަށް ދަތުރުކުރުމުގައި ބަދަލުތަކެއް ގެންނަން ޖެހެއެވެ.
ގިއުލިއާނީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ޤައުމީ ސަލާމަތަށް ބުރޫނާރާނެހެން ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށެވެ. އަދި އީރާނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ރައީސް ޓްރަމްޕް ޚާއްސަ ގަރާރެއްގައި ސޮއިކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި އީރާނުން ފީފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅަން ނިންމާފައިވާއިރު، ފީފާއިން ބުނެފައި ވަނީ ބާއްވާ ޤައުމެއްގެ ސަރުކާރުގެ ސިޔާސަތުތަކަށް އެ އިދާރާއަށް ބާރު ނުފޯރުވުނު ނަމަވެސް، ވާހަކަދައްކައިގެން ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
އީރާން ޓީމުން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ލޮސް އެންޖެލިސްގެ އިނގްލެވުޑްގައި ބެލްޖިއަމާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.