ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރަފީނިއާގެ އަނިޔާ ސީރިއަސް ނުވާނެކަމަށް އުއްމީދުކުރަން: ވިނީޝިއުސް

ޝެއާ ކުރޭ Facebook Telegram Viber X

ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ރަފީނިއާއަށް ލިބުނު އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ތަރި ވިނީޝިއުސް ޖޫނިއާ ބުނެފިއެވެ.

ހައިޓީ އަތުން 3-0އިން ބްރެޒިލް މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ރަފީނިއާ ބަދަލުކުރަން ޖެހުނީ އޭނާގެ ފަޔަށް ތަދުވުމުގެ ސަބަބުންނެވެ.

މި މެޗުގައި ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ބުނީ، މެޗުގެ ކުރީކޮޅު ރަފީނިއާ ދަނޑުން ބާލަން ޖެހުމުން ވަރަށް ދެރަވި ކަމަށެވެ. އަދި މިއީ މީގެ ކުރިން ވެސް ރަފީނިއާއަށް ދިމާވި އަނިޔާގެ މައްސަލައެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"އުއްމީދަކީ މި އަނިޔާ ސީރިއަސް ނުވުން. ވަރަށް ދެރަ އޭނާ މެޗާ ވަކިވާން ޖެހުމުން. އަހަންނަށް ހީވަނީ މިއީ އޭނާއަށް ކުރިން ވެސް އޭނާއަށް ވި އަނިޔާހެން" ވިނީޝިއުސް ބުންޏެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނިގޮތުގައި ރަފީނިއާގެ ފަލަމަސްގަނޑަށް ތަދުވެފައިވާއިރު، މިއީ މީގެ ކުރިން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ވެސް އޭނާއަށް ދިމާވި މައްސަލައެކެވެ. އެ ފަހަރު މި އަނިޔާގެ ސަބަބުން ބާސެލޯނާގެ މުހިންމު މެޗުތަކެއް ގެއްލި، އޭނާއަށް ސީޒަން ނިންމާލަން ޖެހުނެވެ. އަންޗެލޯޓީ ބުނީ މާދަމާގެ ވަގުތެއްގައި ރަފީނިއާގެ ފައި އެސެސްކުރުމަށް ފަހު އަނިޔާގެ ތަފްސީލް އެނގޭނެ ކަމަށެވެ.

ރަފީނިއާގެ ބަދަލުގައި ކުޅެން އެރި ރަޔަންގެ ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. މީގެ އިތުރުން، އަނިޔާގައި ހުއްޓާ ވޯލްޑް ކަޕް ސްކޮޑަށް ނެގި ނޭމާ ޖޫނިއާ މާދަމާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށާއި، ކުރިއަށް އޮތް ސްކޮޓްލޭންޑް މެޗުގައި ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާ ފެންނާނެ ކަމަށްވެސް އަންޗެލޯޓީ ހާމަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު