ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެމްޕިއަން އާސެނަލް ފުރަތަމަ މެޗްގައި އަލަށް ޕްރޮމޯޓްވި ކޮވެންޓްރީއާ ދެކޮޅަށް

ޝެއާ ކުރޭ Facebook Telegram Viber X

އާސެނަލްގެ ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމުގެ ދަތުރު އޮގަސްޓް 21ވަނަ ދުވަހު ފަށާނީ އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ސިޓީއާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގެ 2026-27 ސީޒަނުގެ ފިކްސްޗާސްތައް ހުކުރު ދުވަހު އިއުލާންކޮށްފައިވާއިރު، ފުރަތަމަ ބުރުގެ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ ފްރޭންކް ލަމްޕާޑްގެ ކޮވެންޓްރީއާ ދެކޮޅަށް އާސެނަލް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.

ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ކޮވެންޓްރީން ވަނީ 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައެވެ.

ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި އެންޑޯނީ އިރައޯލާ ކުޅޭ ފުރަތަމަ ޕްރިމިއާ ލީގު މެޗުގައި އޮގަސްޓް 23ގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ބޯންމައުތުގެ ކުރީގެ ކޯޗު އިރައޯލާ އެންފީލްޑްގައި ކުޅޭ ފުރަތަމަ މެޗު އޮގަސްޓް 29ގެ ހަފުތާ ބަންދުގައި ކުޅޭނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.

ޕެޕް ގާޑިއޯލާއާ ނުލައި މެންޗެސްޓަރ ސިޓީން ފަށާ އާ ދަތުރު އޮގަސްޓް 23ގައި އަމިއްލަ ދަނޑުގައި ފަށާނީ ބޯންމައުތާ ދެކޮޅަށެވެ.

ދިހަ އަހަރަށް ފަހު ސީޒަން ނިމުމުން މަގާމުން ވަކިވި ގާޑިއޯލާގެ ބަދަލުގައި ސިޓީން ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ ހަމަޖައްސާނެ ކަމަށް ބެލެވެއެވެ.

ޗެލްސީގެ އާ ކޯޗު ހަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 24 ގައި ވެސްޓް ލަންޑަން ޑާބީގައި ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.

ޗެމްޕިއަންޝިޕް ޕްލޭއޮފް ކާމިޔާބުކޮށްގެން ޕްރޮމޯޓްވި ހަލް ސިޓީން 2017ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ޕްރިމިއާ ލީގު ސީޒަން އޮގަސްޓް 22ގައި ފަށާނީ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

ފުރަތަމަ ހަފުތާ ބަންދުގެ އެހެން މެޗުތަކަށް ބަލާއިރު، ޔުރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާ ނުކުންނާނީ ބްރައިޓަން އެންޑް ހޯވް އެލްބިއަންއާ ދެކޮޅަށް ރަށުން ބޭރުގައެވެ.

2004ގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދި އާސެނަލްއަށް، ކޮވެންޓްރީއާ ދެކޮޅަށް ކުޅޭ މެޗަށްފަހު އުނދަގޫ މަރުހަލާއަކާ ކުރިމަތިލާން ޖެހޭނެއެވެ.

މިކޭލް އާޓެޓާގެ ޓީމު މި ސީޒަނުގައި ރަށުން ބޭރުގައި ކުޅޭ ފުރަތަމަ މެޗުގައި ވިލާއާ ދެކޮޅަށް ނުކުންނައިރު، ސެޕްޓެމްބަރު 5ގައި އެމިރޭޓްސް ސްޓޭޑިއަމްގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ސެޕްޓެމްބަރު 12ގެ ހަފުތާ ބަންދުގައި ގާޑިއޯލާގެ ފަހުން ކުޅޭ ފުރަތަމަ މެންޗެސްޓަރ ޑާބީ ފެނިގެންދާއިރު، ނޮވެމްބަރު 21ގައި ލިވަޕޫލުން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެއެވެ.

ސިޓީއާއި އާސެނަލް ބައްދަލުކުރާ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28ގައި އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

މި ސީޒަނުގެ ފުރަތަމަ މާސީސައިޑް ޑާބީގައި އެވަޓަންއާއި ލިވަޕޫލް ބައްދަލުކުރާ މެޗު ނޮވެމްބަރު 28ގައި ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.

ޑިސެމްބަރު 5 ގައި ޓޮޓެންހަމްގެ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަކީ ރޮބާޓޯ ޑި ޒާބީ އުތުރު ލަންޑަން ޑާބީއެއްގައި އިރުޝާދުދޭނެ ފުރަތަމަ މެޗެވެ.

ބޮކްސިން ޑޭގެ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޑިސެމްބަރު 26ގައި ކޮވެންޓްރީގެ ކޯޗު ލަމްޕާޑް އޭނާގެ ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ނުކުންނަ މެޗެވެ.

ޕްރިމިއާ ލީގުގެ ފަހު ދުވަހުގެ މެޗުތައް މޭ 30ގައި ކުޅޭއިރު، އާސެނަލް އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ސިޓީ ރަށުން ބޭރުގައި ސަންޑަލޭންޑާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. ޗެލްސީއާއި ޔުނައިޓެޑް ފަހު މެޗުތައް އަމިއްލަ ދަނޑުގައި ކުޅޭނީ ބްރެންޓްފޯޑް އަދި ފުލަމްއާ ދެކޮޅަށެވެ.

އާ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އޮގަސްޓް 16ގައި އާސެނަލް ނުކުންނާނީ އެފްއޭ ކަޕްގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު