ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިސާގެ މައްސަލަ ހައްލުވެ، ވަހީ ކެނެޑާއަށް އެތެރެވުމުގެ ހުއްދަދީފި

ޝެއާ ކުރޭ Facebook Telegram Viber X

ވިސާގެ މައްސަލަތަކެއް ކުރިމަތިވުމަށް ފަހު، އައިވަރީ ކޯސްޓުގެ ޤައުމީ ޓީމުގެ ފޯވާޑް އެލީ ވަހީއަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ އެންމެ ފަހުން ލިބިއްޖެއެވެ.

ފީފާ ވޯލްޑް ކަޕް 2026ގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ކެނެޑާއަށް ދިޔުމުގެ ހުއްދަ އޭނާއަށް މިހާރު ލިބިފައިވާކަން އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހުއްދަ ލިބުމުގެ ކުރިން ބެލެވިފައި އޮތީ، އިދާރީ އަދި ދަތުރުފަތުރުގެ ހުއްދަތައް ނުލިބުމުގެ ސަބަބުން، ޓޮރޮންޓޯގައި މާދަމާރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖް މެޗުގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށެވެ. ނަމަވެސް އެ ޤައުމުގެ ފެޑެރޭޝަނުން ބުނި ގޮތުގައި މިހާރު އެ މައްސަލަ ހައްލުވެ، އޮތް ހާސްކަން ވަނީ ފިލައިގެން ގޮސްފައެވެ.

ފްރާންސްގެ ނީސްއަށް ކުޅޭ އުމުރުން 23އަހަރުގެ ވަހީއަށް ފުރަތަމަ ވިސާ ނުލިބުނީ ފްރާންސްގައި އޭނާއަށް ކުރިމަތިވެފައިވާ ޤާނޫނީ ސީރިއަސް މައްސަލަތަކަކާ ގުޅިގެންނެވެ. މިދިޔަ މަހު މާސޭއިން އޭނާ ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ބުނާއިރު، އޭނާގެ މައްޗަށް ކުރެވެނީ މިދިޔަ މެއި މަހު މެޓްޒްއާ ދެކޮޅަށް ކުޅުނު ފްރެންޗް ލީގު މެޗެއްގައި ބެޓިން މާކެޓަށް ނުފޫޒު ފޯރުވަން ގަސްތުގައި ރީނދޫ ކާޑެއް ހޯދި ކަމުގެ ތުހުމަތެވެ.

މާސޭގެ ޕްރޮސެކިއުޓަރ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރޭވިގެން ހިންގާ މަކަރާއި ހީލަތް، ކުޅިވަރުގެ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުންނެވެ. ސުވާލު ކުރުމަށްފަހު ވަހީ ބަންދުން ދޫކޮށްލި ނަމަވެސް، އެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ފްރާންސްގެ ލީގް ފުޓްބޯލް (އެލްއެފްޕީ)އިން ބުނި ގޮތުގައި، އެ މެޗުގައި ވަހީއަށް ރީނދޫ ކާޑެއް ލިބޭނެ ކަމަށް ބެޓް ކުރި މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމުން އެކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެ ކުރިން ވެސް މިފަދަ ޤާނޫނީ މައްސަލަތަކާ ހުރެ ކެނެޑާގެ ވިސާ ނުލިބުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގާނާގެ ތޯމަސް ޕާޓޭއަށް އިނގިރޭސިވިލާތުގައި ހިނގަމުންދާ ޖިނާއީ މައްސަލަތަކަކާ ގުޅިގެންނާއި، ކުރިން ހައްޔަރުކުރި މައުލޫމާތު ކެނެޑާގެ ކަސްޓަމްސްއަށް ހާމަނުކުރުމުގެ ސަބަބުން ވިސާ ނުލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު