ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މުބާރާތް ކާމިޔާބެއް ނުކުރެވޭނެ، ކެތްތެރިވާންޖެހޭ: އަންޗެލޯޓީ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބްރެޒިލް އެއްވަރުވުމުން އެކަމާ ހާސްނުވެ، ކެތްތެރިވުމަށް އެ ޓީމުގެ އިރުޝާދުދެމުން އަންނަ ކޯޗު ކާލޯ އަންޗެލޯޓީ އެދެފިއެވެ.

ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

މޮރޮކޯ މެޗަށްފަހު ވާހަކަދައްކަމުން އަންޗެލޯޓީ ބުނީ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށާއި، އެ މެޗުގައި ބްރެޒިލްގެ ރޭވުންތައް މަސައްކަތް ނުކުރި ނަމަވެސް ކެތްތެރިވާންޖެހޭނެ ކަމަށެވެ.

"ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް. އަހަރުމެންނަށް ރަނގަޅަށް ނުކުޅެވުނު. އަހަރުމެންގެ ޕްލޭން މަސައްކަތް ނުކުރި. އެހެން ނަމަވެސް ކެތްތެރިވާން ޖެހޭ. ފުރަތަމަ މެޗުން ވޯލްޑް ކަޕެއް ނުހޯދޭނެ" އަންޗެލޯޓީ ބުންޏެވެ.

ކުރިއަށް އޮތް މެޗަށް ނުކުންނައިރު ބްރެޒިލްގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މޮރޮކޯ މެޗުގައި މެދުތެރެއަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ މި މެޗުގައި ބެންޗުން ފެނުން ގާތެވެ. ނަމަވެސް އޭނާގެ ބަދަލުގައި ޑިފެންސިވް މިޑްފީލްޑަށް ކުޅޭނެ ކުޅުންތެރިއަކު އަދި ކަށަވަރެއް ނުވެއެވެ. ސަބަބަކީ ކަސެމީރޯގެ ބަދަލުގައި ކުޅެން އެރި ފަބީނިއޯއަށް ވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވުމެވެ. މީގެ އިތުރުން، ޒުވާން ފޯވާޑް އެންޑްރިކް ފުރަތަމަ އެގާރައިން ފެނުމުގެ ފުރުސަތު ބޮޑެވެ.

އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ނޭމާ ޖޫނިއާއަށް ކުރިއަށް އޮތް ހައިޓީ މެޗުގައި ވެސް ނުކުޅެވޭނެއެވެ. އުމުރުން 34އަހަރުގެ ނޭމާގެ ފަޔަށް ލިބިފައިވާ އަނިޔާއިން އަދިވެސް މުޅިން ރަނގަޅުނުވާތީ، އޭނާ ހުރީ ޓީމާއެކު ދަތުރުނުކޮށް ބްރެޒިލްގެ ޓްރޭނިން ކޭމްޕުގައެވެ. ނޭމާ ސްކޮޑުގައި ހިމެނީ ވެސް އަނިޔާގައި ހުއްޓައެވެ.

ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ ބުނި ގޮތުގައި ހައިޓީއަކީ ބަލި ޓީމެއް ނޫނެވެ. އަދި އިދިކޮޅު ޓީމާ މެދު ވިސްނުމުގެ ބަދަލުގައި ބްރެޒިލް މިހާރު އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. މޮރޮކޯ މެޗުގައި ޓެކްޓިކަލް، ޓެކްނިކަލް އަދި ނަފްސާނީ ގޮތުންވެސް ޓީމުގެ ކަންކަން ދިޔައީ ގޯސްކޮށް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް މެޗުގައި އެކަން ބަދަލުކޮށް މޮޅުވާން ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ކަމަށް ޑެނީލޯ ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު