ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކޮނާޓޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ލިވަޕޫލަށް ކުޅެމުންދިޔަ ފްރާންސްގެ ހުނަރުވެރި ޑިފެންޑަރު އިބްރަހީމާ ކޮނާޓޭ، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވާކަން އެ ކުލަބުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

ރެއާލުން ކޮނާޓޭއާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މި މަހުގެ 30ވަނަ ދުވަހު ލިވަޕޫލާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާ ރަސްމީކޮށް އެ ކުލަބާ ގުޅޭނެއެވެ. އައު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން މި ހޫނު މޫސުމުގައި ލިވަޕޫލް ދޫކޮށްލާނެކަން ކޮނާޓޭ މީގެ ކުރިން އޮތީ ހާމަކޮށްފައެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒީގުން 2021ވަނަ އަހަރު ލިވަޕޫލާ ގުޅުނު ކޮނާޓޭ ވަނީ އެ ޓީމަށް 183މެޗު ކުޅެދީފައެވެ. ލިވަޕޫލްގައި ހޭދަކުރި ފަސް އަހަރުގެ ކާމިޔާބު ދުވަސްތަކުގައި އޭނާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރެއްގެ މަތިން ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ދެން ފެންނާނީ ސްޕެއިންގެ ފުޓްބޯޅައިންނެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ޖޯސޭ މޮރީނިއޯ ހަވާލުވި ފަހުން އެ ކުލަބުން ދަނީ ޓްރާންސްފާ ބާޒާރުގައި ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ވޯލްޑް ކަޕް ކުރިއަށްދިޔަ ނަމަވެސް މޮރީނިއޯ ވަނީ ވަރަށް ހަލުވިކަމާ އެކު ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޗެލްސީން 51.8މިލިޔަން ޕައުންޑުގެ އަގަކަށް ގެނައި ސްޕެއިންގެ ފުލްބެކް މާކް ކުކުރެޔާގެ އިތުރުން، ހިލޭ ޓްރާންސްފާގެ ދަށުން ކޮނާޓޭއާއި ޕޯޗުގަލްގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ ވެސް މިހާރު ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ.

މީގެ އިތުރުން، ރެއާލް މެޑްރިޑްގެ ރައީސްކަމުގެ މަގާމަށް އަލުން އިންތިޚާބުވި ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިންޓަރ މިލާނަށް ކުޅެމުންދާ ފުލްބެކް ޑެންޒެލް ޑަމްފްރީސް 17މިލިއަން ޕައުންޑަށް އެ ކުލަބަށް ގެނައުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު