ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އައިވަރީ ކޯސްޓުގެ ފޯވާޑް އެލީ ވަހީއަށް ކެނެޑާއަށް އެތެރެނުވެވޭނެ

ޝެއާ ކުރޭ Facebook Telegram Viber X

އައިވަރީ ކޯސްޓުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އެލީ ވަހީ އަށް ކެނެޑާއަށް އެތެރެވުމަށް ބޭނުންވާ އިދާރީ އަދި ދަތުރުފަތުރުގެ ހުއްދަތައް ނުލިބުމުގެ ސަބަބުން، ކުރިއަށް އޮތް ހޮނިހިރު ދުވަހު ޓޮރޮންޓޯގައި ޖަރުމަނާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ގްރޫޕ ސްޓޭޖް މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ޓީމުގެ އެހެން ކުޅުންތެރިން ކެނެޑާއަށް ދަތުރުކުރާއިރު، އުމުރުން 23އަހަރުގެ މި ފޯވާޑް މަޑުކުރާނީ އެމެރިކާގައެވެ.

ވަހީއަށް ކެނެޑާގެ ހުއްދަ ނުލިބުނީ ފްރާންސްގައި އޭނާއަށް ކުރިމަތިވެފައިވާ ގާނޫނީ ސީރިއަސް މައްސަލަތަކަކާ ގުޅިގެން ކަމަށް ބެލެވެއެވެ. ފްރާންސްގެ ނީސް އަށް ކުޅޭ މި ފޯވާޑް މިދިޔަ މަހު މާސޭއިން ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ބުނާއިރު، އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޭނާއާ ދެކޮޅަށް އެއްވެސް ޝަރުއީ މައްސަލައެއް ހިނގަމުންދާކަން އެ އިދާރާއަށް ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.

ވަހީގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ މެއި މަހު މެޓްޒްއާ ދެކޮޅަށް ކުޅުނު ފްރެންޗް ލީގު މެޗެއްގައި، ބެޓިން މާކެޓަށް ނުފޫޒު ފޯރުވުމަށް ގަސްތުގައި ރީނދޫ ކާޑެއް ހޯދި ކަމަށެވެ. ފްރާންސްގެ ލީގް ފުޓްބޯލް (އެލްއެފްޕީ)އިން ބުނި ގޮތުގައި އެ މެޗުގައި އޭނާއަށް ކާޑެއް ލިބޭނެ ކަމަށް ބެޓް ކުރި މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިވެއެވެ. މާސޭގެ ޕްރޮސެކިއުޓަރ އޮފީހުން ވަނީ ރޭވިގެން ހިންގާ މަކަރާއި ހީލަތް، ކުޅިވަރުގެ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. ސުވާލު ކުރުމަށްފަހު އޭނާ ދޫކޮށްލި ނަމަވެސް، ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ގާނޫނީ މައްސަލަތަކާ ހުރެ މި ފަހަރުގެ ވޯލްޑް ކަޕުގައި ކެނެޑާއަށް އެތެރެވުން މަނާކުރި ދެވަނަ ކުޅުންތެރިޔާއަކީ ވަހީއެވެ. މީގެ ކުރިން ގާނާގެ ތޯމަސް ޕާޓޭއަށްވެސް ވަނީ ކެނެޑާގެ ވިސާ ނުލިބިފައެވެ. އެއީ އިނގިރޭސިވިލާތުގައި އޭނާގެ މައްޗަށް ހިނގަމުންދާ ޖިނާއީ މައްސަލަތަކަކާ ގުޅިގެންނާއި، މީގެ ކުރިން ހައްޔަރުކުރި މައުލޫމާތު ކެނެޑާގެ ކަސްޓަމްސް އޮފިޝަލުންނަށް ފުރިހަމައަށް ހާމަކޮށްފައި ނުވާތީއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު