ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލުއިސް ޑިއާޒްގެ މޮޅު ކުޅުމާ އެކު ކޮލަމްބިއާއިން މެޗު ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ އުޒްބެކިސްތާންގެ މައްޗަށް 3-1ގެ ނަތީޖާއަކުން ކުރިހޯދައި، މެދުކެނޑުމަކަށް ފަހު މުބާރާތަށް އެނބުރި އައި ކޮލަމްބިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

މެކްސިކޯގެ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް ވަނީ މޮޅު ކުޅުމެއް ދައްކައި، އެޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިއީ 2018ވަނަ އަހަރުގެ މުބާރާތަށްފަހު ވޯލްޑް ކަޕުން ކޮލަމްބިއާ ފެނުނު ފުރަތަމަ ފަހަރެވެ. އެޓީމަށް 2022ވަނަ އަހަރުގެ މުބާރާތުން ފުރުސަތެއް ނުލިބެއެވެ.

މެޗު ފެށިގެން 17ވަނަ މިނެޓުގައި ކޮލަމްބިއާގެ ޖޯން އަރިއާސް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، 32ވަނަ މިނެޓުގައި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑިއާޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް، މެޗުގެ 40ވަނަ މިނެޓުގައި ކޮލަމްބިއާއިން ވަނީ ލީޑު ނަގާފައެވެ. ޑިއާޒް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް މުންޔޯޒްއެވެ.

ދެވަނަ ހާފުގައި އުޒްބެކިސްތާނުން ކުޅުން ރަނގަޅުކޮށް، މެޗުގެ 60ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރިއެވެ. އެޓީމުގެ ކެޕްޓަން އެލްޑޯރް ޝޮމުރޮޑޯވް ނަގައިދިން ހުރަހަކުން ޑޮސްޓޮންބެކް ހަމްދަމޯވް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖެހީ އައްބޮސްބެކް ފައިޒުލޭވްއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި އުޒްބެކިސްތާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އުޒްބެކިސްތާނުން ލަނޑު ޖެހިތާ ފަސް މިނެޓު ތެރޭގައި ކޮލަމްބިއާއިން އަލުން ލީޑު ހޯދިއެވެ. މިއީ ޑިއާޒް ފޮނުވާލި ބޯޅައެއް އުޒްބެކިސްތާނުގެ ގޯލްކީޕަރު އުޓްކިރް ޔޫސުޕޯވްގެ އަތުގައި ޖެހިފައި ގޯލަށް ވަދެގެން ކާމިޔާބުވި ލަނޑެކެވެ. މިއީ ވޯލްޑް ކަޕުގައި ޑިއާޒް ޖެހި ފުރަތަމަ ގޯލެވެ. އަދި މެޗުގެ އިތުރު ވަގުތުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖެމިންޓަން ކަމްޕާޒް ވަނީ ކޫޗޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ބޮލުން ގޯލެއް ޖަހައި، ކޮލަމްބިއާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ތިން ޕޮއިންޓް ހޯދައިގެން ކޮލަމްބިއާ އޮތީ ގްރޫޕް ކޭ ގެ އެއްވަނައިގައެވެ. މި ގްރޫޕުގައި ހިމެނޭ ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި މެޗު އެއްވަރުވުމުން، އެ ދެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މުބާރާތުގެ ކުރިއަށް އޮތް މެޗުތަކުގައި ކޮލަމްބިއާ ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. އަދި އުޒްބެކިސްތާން ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު