ވޯލްޑް ކަޕް ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1އިން ޕޯޗުގަލް އެއްވަރުވި މެޗަކީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބުނެފިއެވެ.
އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށް ފަހު ރޮނަލްޑޯ ވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ހިތްވަރަކާ އެކު ކާމިޔާބީ ހޯދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މެޗަށް ފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ރޮނަލްޑޯ ބުނީ މިއީ އެންމެ އެދެވޭ ފެށުން ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތް ވެސް ނުވާ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ހިތްވަރު އެލުވައި ނުލައި، ދެން އޮތް މެޗަށް ފުރިހަމައަށް ފޯކަސް ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ޖޮއާއޯ ނޭވްސް ބޮލުން ވައްދާލި ލަނޑުން ޕޯޗުގަލް އިން ކުރި ހޯދާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކޮންގޯގެ ޔޮއާން ވިސާ ވަނީ ބޮލުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މުޅި މެޗުގައިވެސް ރޮނަލްޑޯ ކުޅުނު ނަމަވެސް، މިއީ އޭނާއަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާންޖެހުނު އުނދަގޫ މެޗެކެވެ. ދެވަނަ ހާފުގައި ޕޯޗުގަލް އިން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ކޮންގޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އަރުވައިގެން ހަމަލާތައް ވަރުގަދަކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އޭނާ ކުޅެން އެރުވުމުން ކުޅުމަށް ބާރުމިނެއް އައި ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
މި މެޗުގައި ރޮނަލްޑޯއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ ތާރީޚީ ރެކޯޑެއް ހަދާފައެވެ. އުމުރުން 41އަހަރާއި 123ދުވަހުގައި މެޗު ފެށި ރޮނަލްޑޯ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ އުމުރުން ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން، އޭނާއަކީ ވޯލްޑް ކަޕް މުބާރާތެއްގައި ކުޅުނު 40އަހަރުން މަތީގެ ދެވަނަ އައުޓްފީލްޑް ކުޅުންތެރިޔާ ވެސް މެއެވެ.
ފުރަތަމަ މެޗުން އެއްވަރުވުމުން، ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއަށް ދެން ކުރިމަތިލާން ޖެހޭ މެޗުތަކުގެ މުހިންމުކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.