ހިއުސްޓަންގައި ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގައި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމު ކަމަށްވާ ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރު ކޮންގޯ)އިން ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، ޔޮއާން ވީސާ އެ ގައުމުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.
ބުދަ ދުވަހު ކުޅުނު މި މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ 29 އަހަރުގެ ފޯވާޑް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ތާރީޚީ ލަނޑު ކާމިޔާބުކުރީ 52 އަހަރަށް ފަހު ޑީއާރު ކޮންގޯ އެނބުރި ވޯލްޑް ކަޕަށް އައި ފުރަތަމަ މެޗުގައެވެ.
މި ލަނޑަކީ މެޗުގެ ހަވަނަ މިނެޓުގައި ޔާއޯ ނެވޭސް ޕޯޗުގަލްއަށް ލަނޑެއް ޖަހައިދީ، އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމް ރަތް ކުލައިން ފުރާލި އެ ގައުމުގެ ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑެކެވެ.
ވީސާގެ މި ލަނޑާ އެކު ސްޓޭޑިއަމްގެ ތެރޭގައާއި މުޅި ދުނިޔޭގައި ބޮޑު އުފާވެރިކަމެއް ފެތުރިގެންދިޔައިރު، އެފްރިކާގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާގެ މި ތާރީޚީ ވަގުތުކޮޅު ޕޯޗުގަލް އަދި ކޮންގޯގެ ސަޕޯޓަރުން އެކުގައި ފާހަގަކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.
މީގެ ފަސް އަހަރު ކުރިން، އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެ، ސީރިއަސް އަނިޔާތަކެއް ލިބި، ކެމިކަލް ފިހުމުގެ ސަބަބުން ކުއްލި ލޮލުގެ ސާޖަރީއެއް ކުރަން ޖެހިފައިވާ ހާލަތެއްގައި ހުރި ވީސާ، މިފަދަ ވަގުތުކޮޅެއް ހުވަފެނުން ވެސް ދެކެފައި ނޯވެދާނެއެވެ.
1 ޖުލައި 2021ގައި، ވީސާގެ ދަރިފުޅު ވަގަށް ނަގަން އެ ގެއަށް ވަތް އަންހެނަކު ވަނީ އޭނާގެ މޫނަށް އެސިޑް ޖަހައުފައެވެ. މި ހަމަލާދިން މީހާ ޖެހިގެން އައި ދުވަހު ވެސް އެހެން އަންހެނަކަށް އެސިޑް ހަމަލާއެއް ދީފައިވާއިރު، އޭނާ ދެނެގަނެވިފައި ވަނީ 3 ޖުލައިގައެވެ.
މި ހަމަލާއިން ރަނގަޅުވުމަށް ވީސާއަށް ހަ މަސްދުވަސް ނެގިއިރު، މި ހާދިސާގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އަސަރުކުރި ނަމަވެސް، ފްރާންސްގެ އެފްސީ ލޮރިއެންޓަށް ކުޅެމުން އޭނާގެ ކެރިއަރު ކުރިއަށް ގެންދިއުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
“ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރި ނަމަވެސް، ކާމިޔާބު ހޯދުމަށް އޭނާގެ ކިބައިގައި ހުރި އަޒުމް ޔޮއާން ވަރަށް އަވަހަށް ދައްކައިދިން،” ހަމަލާދިން ދުވަހުގެ ޖެހިގެން އައި ދުވަހު ހޮސްޕިޓަލުގައި ހުރި ފޯވާޑަށް ޒިޔާރަތްކުރި ލޮރިއެންޓްގެ މެނޭޖަރު ކްރިސްޓޮފް ޕެލިސިއޭ މިދިޔަ އަހަރު ބީބީސީއަށް ބުންޏެވެ.
“އޭނާގެ ކިބައިން އަހަންނަށް އެންމެ ފާހަގަކުރެވުނީ އޭނާގެ ވަރުގަދަ އަޒުމާއި، ދުވަހަކުވެސް އުންމީދު ކަނޑާނުލާ ގޮތް.”
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.